ބާސެލޯނާގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ވަގުތީ ގޮތުން ޒަވީ ހެނާންޑޭޒް ގެންދަން ކްލަބުން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ބާސާގެ ކޯޗުކަމުގައި ހުރި ރޮނާލްޑް ކޯމަން އެ މަގާމުން ދުރުކޮށްފައިވަނީ ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 1-0ގެ ނަތީޖާއަކުން އެޓީމު ބަލިވި މެޗަށްފަހުއެވެ. އެ މެޗަށްފަހު ބާސާ އިން ނެރުނު ބަޔާނެއްގައި ބުނީ ކޯޗުކަމުގެ މަސްއޫލިއްޔަތުތަކުން ކޯމަން ދުރުކޮށްފައިވާ ކަމަށާއި މަގާމުން ދުރުކޮށްފައިވާ ކަން އޭނާއަށް ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ އަންގަވާފައިވާ ކަމަށެވެ.

ބާސާއަށް ވަގުތީ ކޯޗަކު ހޯދަން މަޝްވަރާކޮށް، ބާސާއިން އެ ކްލަބުގެ ލެޖެންޑަރީ ކުޅުންތެރިޔާ ޒަވީއާއެކު މިހާރު އެއްބަސްވެފައިވާ ކަމަށް އިތުބާރު މަސްދަރުތަކުން ބުނެފައިވެއެވެ. ޔޫރަޕްގެ ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ބާސާގެ ޕްރޮޖެކްޓް ޒަވީ ގަބޫލުކޮށްފައިވާ ކަމަށާއި، މިހާރު ބާސާއިން މަޑުކުރަނީ ގަތަރުގެ އަލް ސާދުގެ ކޮންޓްރެކްޓު އުވާލަންދެން ކަމަށެވެ. ސައުދީގެ އަލް ސާދާއެކު ޒަވީ ހަދާފައިވާ ކޮންޓްރެކްޓު އުވާލުމާއެކު ބާސާއިން ޒަވީ އިއުލާން ކުރާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ބާސާއަށް 500 އަށްވުރެ ގިނަ މެޗު ކުޅެ، އެ ކްލަބާއެކު އެތައް ކާމިޔާބީއެއް ހޯދުމަށްފަހު ފުޓުބޯޅައިން ރިޓަޔާކުރި ޒަވީ އަނބުރާ ކްލަބަށް ދިޔުން ވެގެންދާނީ ސަޕޯޓަރުންނަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ބާސާއާއެކު ޒަވީ ވަނީ އަށް ފަހަރު ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. މިދިޔަ 20 ވަރަކަށް އަހަރު ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރު ޒަވީ ސްޕެއިންއާއެކު ދެފަހަރަށް ޔޫރޯ އަދި ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައިވާއިރު، އޭނާގެ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރުއެވެ.

ގަތަރުގެ ކްލަބު އަލް ސާދާއެކު ޒަވީގެ ކޯޗިން ކެރިއަރު ފަށާފައިވާއިރު، އެ ކްލަބާއެކު އޭނާ މިހާރު ވަނީ ގަތަރު ލީގާއި ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އަދި އެ ކްލަބުގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެނެސް، ޒަވީ ވަނީ ޓެކްޓިކަލީ ރަނގަޅު ޓީމެއް އަލް ސާދުގައި ބިނާކޮށްފައެވެ.

ބާސާއިން ވަކިކުރި ކޯޗު ކޯމަން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ވަނީ ބާސާގައި ރަނގަޅު ކާމިޔާބީއެއް ހޯދޭ ގޮތް ނުވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ލަލީގާގައި ބާސާ ނިންމާލީ ތިންވަނައިގައެވެ. އަދި މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން ވަނީ ކަޓައިފައެވެ.

މި ސީޒަނުގެ ލަލީގާގައި ވެސް ބާސާގެ ނަތީޖާތައް ގޯހެވެ. ލަލީގާގައި މިހާތަނަށް ބާސާ ކުޅުނު ދިހަ މެޗުން ހޯދިފައިވަނީ 15 ޕޮއިންޓެވެ. ހަތަރު މެޗުން ބާސާ މޮޅުވި އިރު، ތިން މެޗަކުން ބާސާ ވަނީ ބަލިވެފައެވެ. އަދި ތިން މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގު ވެސް ބާސާ އިން ފެށީ ވަރަށް ދަށްކޮށެވެ. ގްރޫޕު ސްޓޭޖުގައި ބާސާ އިން ކުޅުނު ތިން މެޗުން ހޯދިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. ބާސާ އިން ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުން ބަލިވި އިރު، ބެންފީކާ އަތުން ވެސް ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. ބާސާ މޮޅުވި ހަމައެކަނި މެޗަކީ ޑައިނަމޯ ކިޔެވްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ބާސާ އިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

ބާސާގެ އެންމެ މުހިންމު ތަރި ލިއޮނެލް މެސީ ވެސް އެ ކްލަބަށް ގެއްލިގެންދިޔައީ ކޯމަންގެ ކޯޗުކަމުގެ ދަށުންނެވެ. ބާސާގައި 17 އަހަރު ހޭދަކުރި މެސީ، މިސީޒަނުން ފެށިގެން ކުޅެމުން އަންނަނީ ޕީއެސްޖީއަށެވެ. މެސީ، ބާސާ ދޫކޮށް ދިއުމުން ކޯމަނަށް ގިނަ ފާޑުކިޔުންތަކަކާއެކު ބޮޑެތި ޕްރެޝަރުތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ.