ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ހާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފި އެވެ.
އަރްބާޒް ރާއްޖެ އައީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ހޮޓެލްޖެންގައި ހުރެ "ވަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަރްބާޒް ބުނީ ލޮކްޑައުންގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށާއި އަދި ބޭނުންވީ މިނިވަންކަމާއެކު ހިތްފަސޭހަ ކޮށްލާނެ ފަދަ ތަނަކަށް ދިޔުމަށް ކަމަށެވެ.
ރާއްޖެއަށް އައީ އެފަދަ ގައުމަކަށް ރާއްޖެ ވާތީ، ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ހިތްގައިމުކަމާއި ދޮންވެލި ބީޗުތަކުގައި ދުވެލަން ކަމަށެވެ. ލޮކްޑައުން ފަދަ ޕްރެޝަރު ދުވަސްތަކަކަށް ފަހު ހިތްހަމަޖައްސައިލަން، ނަފުސާނީ އުނދަގުލުން ހިތްހަމަޖެހުމުގެ މާހައުލުކަށް ނުކުތުމަށް އެންމެ އެކަށީގެންވާ ތަނަކީ ދިވެހިރާއްޖެ ކަމަށެވެ.
"މީގެ ކުރިންވެސް އައިން ދެތިން ފަހަރަކު. އެފަހަރުވެސް ރާއްޖޭގެ ރީތި ބީޗުތައް ވަރަށް ކަމުދިޔަ. ހާއްސަކޮށް މެހެމާންދާރީ އަދާކުރާ ގޮތް ވަރަށް ކަމުދޭ. ކޮންމެ މީހަކު ފެނުނަސް ވަރަށް ހިތްހެޔޮކޮށް ހިނިތުންވެލާފަ ވާހަކަ ދައްކަނީ. އެހެން ގައުމަކަށްވުރެ ބޮޑަށް ރާއްޖެ އިހުތިޔާރު ކުރީ އެހެންވެ." އޭނާ ބުންޏެވެ.
އަރްބާޒް ބުނީ ރާއްޖެ އާދެވުމުން އޭނާގެ ފިލްމުތަކާއި މަސައްކަތްތަކަށް ލޮކޭޝަންސްތައް ވެސް ބަލާނެ ކަމަށެވެ.
ރައްޓެހިންނާއެކު ކުރި މި ދަތުރަކީ ލޮކްޑައުންގެ ހާސްކަން ފިލުވައިލުމަށް ކުރި ދަތުރެއް ކަމަށާއި ކުރިން ރާއްޖެ އާދެވުނު ނަމަވެސް ކޮވިޑުގެ ފަހުން އާދެވުމުން ހީވަނީ މުޅިން އަލަށް އާދެވުނު ކަހަލަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު