ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުބާއީގައި ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގެ ދެ ފޮޓޯއާއެކު ރައީސް އޮފީހުން ކުރި ޓުވީޓުގައި އިތުރު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ، އެކަމުގެ ތަފުސީލެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާއި އެމްއާރުއެމްގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެއީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި ރައީސް ސޯލިހުގެ ވިސްނުންފުޅުތައް ބަލައިގަންނަ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހު މިވަގުތު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ދުބާއީއަށް ފުރާވަޑައިގެންނެވީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އަމިއްލަފުޅު ދަތުރެއްގައި ރައީސް މައުމޫން ދުބާއީއަށް ވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.