ސުޕްރީމް ކޯޓް

ފަރިވާ ރޯވި މައްސަލަގައި ސްޓެލްކޯގެ އިހުމާލެއް ނެތް: ސުޕްރީމް ކޯޓު

އިބްރާހިމް ޒަކީ

ޖަނަވަރީ 20، 2016 ގައި މާފަންނު ފާމުދޭރި މަގުގައި ހުރި ފަރިވާ ފިހާރާގައި އަލިފާން ރޯވުމުގައި ސްޓެލްކޯގެ އިހުމާލެއް އޮތް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 33 މިލިއަން ފުރިޔާ ހޯދަން ފަރިވާ ފިހާރައިގެ ވެރިޔާ، މަހުމާ ހުސެއިން ރަޝީދު މަހުމާ ހުސެއިން) ދައުވާ ކުރި މައްސަލައިގައި ސްޓެލްކޯގެ އިހުމާލެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ހާދިސާގައި ފަރިވާ ފިހާރައަށް ލިބުނު ގެއްލުމަށް ސްޓެލްކޯ އިން ޒިންމާ ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރެވެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކުރުމުންނެވެ.

މި މައްސަލަ މަހުމާ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމާފައި ވަނީ، އެ މައްސަލަ ސާބިތު ކުރުމަށް 11 ޝަފަވީ ހެކިން ދަށު ކޯޓަށް ހުށަހެޅުމުން، އޭގެ ތެރެއިން ތިން ހެކިން ފިޔަވައި އެެހެން ހެކިންގެ ހެކިބަސް ނަގާފައި ނުވާ ކަމަށް ބުނެއެވެ. އަދި އެ މައްސަލައާ ގުޅޭ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަށް ހައިކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަމަށް ވެސް މަހުމާ ހުސެއިންގެ ފަރާތުން ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލްކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުން ތަކަކީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމުގެ އިތުރުން މި މައްސަލައިގައި ފަހުން ލިބިފައިވާ އަދި ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާ ކިތާބީ އަދި ޝަފަހީ ހެކި ހުށަހެޅުމަށް ފުރުސަތު ދީ މި މައްސަލަ މައުލޫއީ ގޮތުން ބަލައިދިނުމަށްފަހު ފައިސަލާކުރަނިވި ހުކުމެއް ނެރެދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި، ހިމެނޭ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ނެރުއްވި ރައުޔުގައި ވިދާޅުވެފައި ވަނީ، މި މައްސަލައިގައި ހުސައިން ރަޝީދުގެ ފަރާތުން އެދިފައިވާ ފަރުވާ ލިބިދިނުމަށްޓަކައި ފުރިހަމަ ވާން ޖެހޭ އެންމެ އަސާސީ ރުކުންތައް ފުރިހަމަވެފައިވާ ކަން ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާތީ، މި މައްސަލައިގައި ހުސައިން ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ ސުޕްރީމް ކޯޓުން އިތުރަށް ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ކަންތައްތަކެއްކަމަށް ދެކި ވަޑައިނުގަންނަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގެންނެވި ބެންޗުގެ އިސް ފަނޑިޔާރުގެ ގޮތުގައި އިންނެވި އުއްތަމަ ފަނޑިޔާރުގެ ރައުޔަށް، ދެން ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ޑރ. މުހައްމަދު އިބްރާހިމް ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންކަމުން އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.