ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ބަންދުން ދޫކޮށްލައިފި އެވެ.
ހަސަން ޒިޔާދު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދު ތިން ފަހަރެއްގެ މައްޗަށް ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން މިމަހުގެ 13 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދުނީ، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮވެދާނެތީ އާއި މުޖުތަމައުގެ ތެރެއިން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެފަހަރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިހަ ދުވަސް ޖަހައިދިނެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ދެ މިސްކިތަކަށް ކުޑަ ކަމުދިޔަ މީހާ މިމަހުގެ 25 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ހަސަން ޒިޔާދު އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔައީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކޯޓުގައި ބުނެފައި ވަނީ، އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާގެ ނަފުސާނީ ބައްޔެއް ހުރިތޯ ބަލަމުން އަންނަ ކަމަށާއި ހަސަން ޒިޔާދުގެ އާއިލާ އިން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމު ކުރިމައްޗަށްވާ ގޮތަށް ހަސަން ޒިޔާދު ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު