ޚަބަރު

އުތީމުން ފަސް ގަރުނުވީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ގޮނޑުދޮށުގެ ގިރަމުންދާ ސަރަހައްދުން އާސާރީ ފެން ވަޅެއް ފެނިއްޖެއެވެ.

އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ އެ ވަޅު ފެނިފައިވަނީ އުތީމު ބޮޑުތަކުރުފާނު ތުއްޕުޅު އިރުގައި ދޫނި ހިފަން ވަަޑައިގެން އުޅުއްވި ކަމަށް ބުނާ ސަރަހައްދުން ކަމަށެވެ. ހަތަރެސްކަން އެ ވަޅަކީ ހިރިގަލުން ހަދާފައިވާ ދިވެހި ފަންނުވެރި މަސައްކަތްތަކެއް ފެނިގެންދާ ފެން ވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވަޅަށް އުތީމުގެ ގަނޑުވަރަށް ވީހާ ދުވަހެއް ވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ ވަޅަށް ގާތްގަނޑަކަށް 500 އެއްހާ އަހަރު ވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދަކީ އާންމުކޮށް އެފަދަ އާސާރީ ތަކެތި ފެނިފައިވާ ސަރަހައްދެއް ކަމަށާއި މީގެ ކުރިން އެ ސަރަހައްދުން ރުނބާ އަދި ގުޅި ފަދަ ތަކެތިވެސް ފެނިފައިވާ ކަމަށެވެ.

"ބޮޑުތަކުރުފާނު ތުއްޕުޅުއިރު ދޫނި ހިއްޕަވަން އުޅުނު ތުނޑިން އެ ވަޅު ފެނުނީ. އެއީ ރަށުގެ ހުޅަނގު އުތުރު ސަރަހައްދުން. ކުރިންވެސް ތަފާތު އެކި އެއްޗެހި ފެނިފައި ހުރި ސަރަހައްދެއް އެއީ. އަޅުގަނޑުމެން ކިޔަނީ ސީނު ތަށި، އެއީ ސީނު ކަރައިން ގެނައިކަމަށް ބެލެވޭ ބައެއް ތަށި، ދެން ރުނބާ ގުޅި އެއްޗެހިވެސް ފެނިފައިވޭ. މިއަދު ފެނުނީ ހަތަރެސް ކަން ވަޅެއް. ހިރިގަލުން ހަދާފައި ހުރީ. ލޮކް ކުރެވޭ ކަހަލަ ގޮތަށް. ލަފާ ކުރެވެނީ ގަނޑުވަރު ހެދި ދުވަސްވަރުގެ ވަޅެއް ކަމަށް. އޭރުގެ މީހުން ދިރިއުޅުނު ސަރަހައްދެއް އެއީ. އެހެންވެ ގަނޑުވަރަށް ވީ ދުވަހެއް ވާނެ ކަމަށް ބެލެވެނީ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވަޅު ފެނިފައިވަނީ އެރަށުގެ ހުޅަނގު އުތުރު ތުނޑި ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާ ދުވަސްވަރެއްގައި ކަމަށާއި އެ ވަޅު ފެނިފައިވަނީ އެރަށު ބަޔަކަށް ކަމަށެވެ. މިހާރު އެ ވަޅު ފެނުނު ސަރަހައްދު ބަންދުކޮށް، އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

ވަޅު ފެނުމާއެކު އެކަމުގެ މައުލޫމާތުތައް މިހާރު ހެރިޓޭޖް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ގިރަމުންދާތީވެ، އެވަޅުވެސް ނެތިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ މިނިސްޓްރީގެ ލަފާގެ މަތީން އެ ވަޅު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެރަށުގެ ރައްޔިތުންނަކީ ތަރިކަ އާއި ސަގާފަތަށް ވަރަށް ލޯބިކުރާ ބައެއް ކަމަށާއި ބޭނުންވަނީ އެ ވަޅުވެސް ރަށަށް އަންނަ ފަރާތްތަކަށާއި ކުރިއަށް އޮތް ޖީލުތަކަށް ފެންނަ ގޮތަށް ރަށުގައި ބެހެއްޓުން ކަމަށެވެ.