ޚަބަރު

މާފަރު ސިއްހީ މަރުކަޒުގެ ހާލަތު ދަށްވެ ސީލިންގު ބޮލަށް ވެއްޓިދާނެތީ ބަލިމީހުން ބެލުން އޮފީހަށް!

1

ނ. މާފަރު ސިއްހީ މަރުކަޒުގެ ހާލަތު އާދަޔާ ހިލާފަށް ދަށްވެ، ސީލިންގު ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު ހީވުމުން، ބަލި މީހުން ބެލުން އެ ސިއްހީ މަރުކަޒުގެ އޮފީސް އިދާރާއަށް ބަދަލުކޮށްފި އެވެ.

މާފަރު ސިއްހީ މަރުކަޒުގެ ހާލަތު އާދަޔާ ހިލާފަށް ގޯސްވެފައިވާ ތަން ފެންނަ ގިނަ ފޮޓޯތަކެއް "ވަން" އަށް ވަނީ ލިބިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ސިއްހީ މަރުކަޒުގެ ހާލަތު ވަނީ އެ ތަނުގެ ތެރޭގައި ބަލި މީހުން ބެލުން އެންމެ އެކަށީގެން ނުވާ މިންވަރަށް ދަށް ވެފަ އެވެ.

މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި، ސީނިއަރ އެޑްމިނިސްޓަރޭޓަރު، ސައިފުއްﷲ އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ މަރުކަޒު ހެލްތު ޕޯސްޓަކުން ސިއްހީ މަރުކަޒަކަށް ބަދަލުކުރިތާ 16 އަހަރު ވެފައިވާ ކަމަށާއި މިދިޔަ ދިގު މުއްދަތުގެ ތެރޭގައި އެކަށީގެންވާ އެއްވެސް މަރާމާތެއް ކޮށްފައި ނުވާ ކަމަށެވެ. އެހެން އޮއްވައި 2019 ވަނަ އަހަރު ކުރި ވަރުގަދަ ވިއްސާރައެއްގައި ތަނުގެ ފުރާޅު އެއްލާލައި ހާލަތު ކުރިޔަށްވުރެ ވެސް ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަލި މީހުން ބެލުމަށް ހާއްސަކޮށްފައި ހުންނަ ޑޮކްޓަރުގެ ކޮޓަރީގެ ސީލިންގު ވަނީ ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެތަނުގައި އިންނަން ޑޮކްޓަރުވެސް ބިރުގަންނަ ކަމަށެވެ. އެވަރު ތަނަކަށް ބަލިމީހުން ވެއްދުމަކީ އަމުދުން ރައްކާތެރި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސައިފު ވިދާޅުވި އެވެ.

ސައިފު ވިދާޅުވީ ހެލްތު ސެންޓަރުގެ އޮފީސް ބައިގައި ހުންނަނީ ތިން މޭޒު ކަމަށާއި އެއީ ހިންގުމާ ހަވާލުވެ ހުންނަ މީހާގެ މޭޒާއި އިދާރީ މުވައްޒަފުގެ މޭޒާއި ކޮމިޔުނިޓީ ހެލްތު ވޯކަރުގެ މޭޒު ކަމަށެވެ. ޑޮކްޓަރު ބަލި މީހުން ބަލަން މިހާރު ދޫކޮށްފައިވަނީ އިދާރީ މުވައްޒަފުގެ މޭޒު ކަމަށާއި، އެހެން ކަމުން ބަލިމީހުން ބަލާ ވަގުތުތަކުގައި އިދާރީ މުވައްޒަފަށް މަސައްކަތް ކުރެވޭނެ ގޮތެއް ވެސް މިހާރު ނެތް ކަމަށެވެ.

މިކަންކަން ހައްލު ކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ސައިފު ވިދާޅުވި އެވެ.

"މިކަންކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މި އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުން. 16 އަހަރު މިވީ އެއްވެސް މަރާމާތެއް ނުކުރޭ. އޮންނަ އުސޫލުން އަޅުގަނޑުމެން ސިއްހީ މަރުކަޒުން މި މައްސަލަތައް މި ފޮނުވަނީ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް. ރަށު ކައުންސިލުން ވެސް ކަމާ ގުޅޭ އެންމެހައި ފަރާތްތަކަށް ދަންނަވާފައިވާ ކަމަށް އެނގިފަ އޮތީ." ސައިފު ވިދާޅުވި އެވެ.

ސައިފު ވިދާޅުވީ ހެލްތު ޕޯސްޓަކުން ސިއްހީ މަރުކަޒަކަށް ބަދަލުކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެ ކަމަށާއި އެއީ ލެވެލް ތިނެއް ކަމަށެވެ. އެ ގޮތަށް ބަދަލުކުރުމުން 24 ގަޑި އިރު ހިދުމަތް ދޭން ޖެހޭ ކަމަށާއި އެހެން ނަމަވެސް މާފަރު ހޮސްޕިޓަލުން ހިދުމަތް ދެވެނީ 8 ގަޑިއިރު ކަމަށެވެ. އެ ތަނުގައި ތިބެނީ ދެ ނަރުހުންނާއި އެންމެ ޑޮކްޓަރެއް ކަމަށްވެސް ވިދާޅުވި އެވެ.