ޚަބަރު

ރަސްފަރީ ފަރަށް ލިބުނު ގެއްލުމަށް 893 މިލިއަން ރުފިޔާ ހޯދަން މަޝްވަރާ ފަށައިފި

ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެޓާނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ ޓުޓިކޮރިން ބަަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުންދިޔަ ޕެނަމާގެ ބިޔަ އާގު ބޯޓެއް ކަމަށްވާ "ނެވިއޯސް އެމެރައިލިސް" މިދިޔަ އޯގަސްޓް މަހުގެ 17 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ރަސްފަރީ ފަރުގެ 12 ނޯޓިކަލް މޭރު ދުރުގައި އޮއްވައި، އިންޖީނު ހުއްޓިގެން އެރަށު ފަރަށް އެރީ އެ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި 150 ޓަނާއި 50 ޓަނުގެ ދެ ޓަގު ބޯޓު ބޭނުންކޮށްގެން، ފަރަށް އުރުނު އާގު ބޯޓު ފުންކޮށްފައިވަނީ އެ މަހުގެ 29 ވަނަ ދުވަހުގައެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރަސްފަރީ ފަރަށް އެ ބޯޓު އެރުމާ ގުޅިގެން އެފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 100 މިލިއަން ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ އެޖެންސީއަށް އެއް މަސް ދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ހޯމަ ދުވަހު އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން މިފަދަ މައްސަލަތަކުގައި ކުރެވޭ އެންމެ ބޮޑު ޖޫރިމަނާއަކީ ވެސް 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދެވޭނެއެވެ.

އީޕީއޭ އިން ބުނީ، އެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ކުރި ސާވޭތަކުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމުލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 893.9 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޝަރީއަތް މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހާ އެކުގައި ފަށާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ.

ރަސްފަރީ އާއި އެރަށުގެ ވަށައިގެންވާ ފަރަކީ 27 ސެޕްޓެމްބަރު 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.