އިނގިރޭސި ލީގު ކަޕް، ކަރަބޯއާ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޗެލްސީއާއި އާސެނަލްވެސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ޗެލްސީން ކުއާޓާއަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ސައުތުހެމްޓަން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ 1-1 އިން އެއްވަރު ވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ޗެލްސީން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
ޗެލްސީން ރޭގެ މެޗަށް ނުކުތީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެންނެވެ. މިދިޔަ ހަފުތާގައި ޗެލްސީން ނޯވިޗާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުތް 11 ގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގެ 11 އަށް ކޯޗު ތޯމަސް ޓުޗެލް ނެރެފައި ނުވާއިރު، ޗެލްސީން މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓް ކޮށްގެން ކުޅުނެވެ. ގިނަ ޕާސްތަކެއް ޖަހައި އެޓީމުން ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީން ހާފު ނިންމާލީ ލީޑު ގައެވެ. ކޯނަރަކުން ލިބުނު ފުރުސަތު ބޮލުން ގޯލަށް ވައްދާލައި ޗެލްސީއަށް ލީޑު ނަގައިދިނީ ކައި ހަވާޓްސް އެވެ.
ޗެލްސީން ރަނގަޅު ފޯމުގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ކުޑައިރުކޮޅެއްގެ ތެރޭގައި ސައުތުހެމްޓަން ނަތީޖާ ހަމަހަމަކުރިއެވެ. ކައިލް ވޯކާ ޕީޓާސްގެ ޝޮޓް ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާއަށް ރަނގަޅަށް ނުހިފި އަތު ތެރެއިން ދިޔުން ރިބައުންސްގައި ގޯލަށް ވައްދާލީ ޗޭ އެޑަމްސް އެވެ.
މެޗު އެއްވަރު ވެގެން ޖެހި ޕެނަލްޓީގައި ސައުތުހެމްޓަން ގެ ތިއޯ ވޮލްކޮޓާއި ވިލް ސްމޯލްބޯން ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު، ޗެލްސީ މޮޅުވި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ރީސް ޖޭމްސް އެވެ. ޗެލްސީގެ ހަމައެކަނި ޕެނަލްޓީ ނާކާމިޔާބުވީ މޭސަން މައުންޓް އަތުންނެވެ.
ރޭ އާސެނަލް އިން ކުޅުނު މެޗުގައި ލީޑްސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލް ގެ ދެ ގޯލުވެސް ދެވަނަ ހާފްގައި ފެނިގެން ގޮސްފައިވާއިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ކަލުމް ޗެމްބާސް އާއި އެޑީ އެންކެޓިއާ އެވެ. އުމުރުން 22 އަހަރުގެ އެންކެޓިއާ މިދިޔަ ޓްރާންސްފާ ސީޒަންގައި އާސެނަލް ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
މި ސީޒަންގެ ނިޔަލަށް އެންކެޓިއާ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ރޭގެ މެޗަށްފަހު ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ އެންކެޓިއާ ކްލަބަގައި މަޑުކުރަން ކަމަށެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލް ގުރުއަތުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު