ސްރީ ލަންކާގައި އަންނަ މަހު އޮންނަ މަހިންދަ ރާޖަޕަކްސާ ކަޕްގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ބަންގުލަދޭޝް ގައުމީ ޓީމުގެ ކޯޗުކަން ޑާކާ އަބަހާނީގެ ކޯޗުކަމުގައި މަސައްކަތް ކުރަމުން އަންނަ މާރިއޯ ލެމޯސްއާ ހަވާލު ކޮށްފިއެވެ.
އަންނަމަހު އަށްވަނަ ދުވަހުން ފެށިގެން އެ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ލަންކާގައި ކުރިއަށްދާ މުބާރާތުގައި ބަންގުލަދޭޝްގެ އިތުރުން ދެން ވާދަކުރާނީ ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އެވެ. އެ މުބާރާތަށް ރާއްޖޭގެ ފަރިތަކުރުންތައްވެސް މިހާރު ފަށާފައިވާއިރު، ރާއްޖެއިން މުބާރާތަށް ދާނީ އިޓަލީ ކޯޗު ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުންނެވެ. ބަންގުލަދޭޝް އިން މުބާރާތަށް ތައްޔާރުވާން މިހާރު ފަށާފައިވާއިރު، އެޓީމުގެ ކޯޗުކަން ލެމޯސްއާ ހަވާލު ކުރީ ވަގުތީ ގޮތުންނެވެ.
ޑާކާ އަބަހާނީ އަށް 2018 ވަނަ އަހަރުން ފެށިގެން ކޯޗުކަން ކޮށްދެމުން އަންނަ ލެމޯސް އަކީ ޕޯޗުގަލްގެ ކޯޗެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަބާހާނީއާއެކު ލީގުގެ ދެވަނަ ހޯދައިފައެވެ. ލެމޯސް އާ ވަގުތީ ގޮތުން ގައުމީ ޓީމު ހަވާލުކުރިކަން ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން، ބަންގުލަދޭޝް ފުޓުބޯޅަ ފެޑަރޭޝަންގެ ނައިބު ރައީސް ކާޒީ ނަބިލް ވަނީ ޔަގީން ކޮށްދީފައެވެ.
"ބަންގުލަދޭޝް ކުޅުންތެރިން ދަންނަ، އެ ކުޅުންތެރިން ހޭންޑްލް ކުރުމުގެ ތަޖުރިބާ ހުރި ކޯޗެއް ލެމޯސްއަކީ. ޑާކާ އަބަހާނީގައި ލެމޯސްގެ ޓްރެކް ރެކޯޑު ރަނގަޅު. ބަންގުލަދޭޝް ފުޓުބޯޅައިގެ ވަރުގަދަ ކަންކަމާއި، ބަލި ފައިވެސް ލެމޯސް އަށް އެނގޭނެ. އަދި ހާއްސަކޮށް ބަންގުލަދޭޝް ކުޅޭ ސިސްޓަމް ލެމޯސްއަށް އެނގޭނެ،" ކާޒީ ވިދާޅުވިއެވެ.
ބަންގުލަދޭޝް އިން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އައީ އެގައުމުގެ ބަޝުންދަރާ ކިންގްސް އަށް ކޯޗުކަން ކޮށްދެމުން ދިޔަ އޮސްކާ ބްރޫޒޯން އާ އެކުގައެވެ. ސާފް ޗެމްޕިއަންޝިޕަށް މަދު ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ކުރިން ގައުމީ ކޯޗުކަމުގައި ހުރި ޖޭމީ ޑޭ މަގާމުން ވަކިކޮށް އޮސްކާއާ ކޯޗުކަން ހަވާލުކުރީ ވެސް ވަގުތީ ގޮތުންނެވެ. އެހެންނަމަވެސް އޮސްކާ އަދިވެސް ހުރީ ފެޑަރޭޝަންގެ ކޮންޓްރެކްޓުގައެވެ. އެހެން ނަމަވެސް އޮސްކާ އިތުރަށް ގައުމީ ޓީމާއެކު ކުރިއަށް ދާނެ ކަމަކަށް ނުބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު