ދައުލަތުން އުފުލި ރޭޕްގެ ދައުވާ ސާބިތުވި ފިރިހެނަކު 15 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ގދ. ތިނަދޫ / ނިއުލައިފް، ޝެހެޒާދު އަބްދުލްއަޒީޒުގެ މައްޗަށެވެ.
ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދައުލަތުން ޝެހެޒާދުގެ މައްޗަށް އުފުލި ރޭޕްކުރުމުގެ ކުށުގެ ދައުވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ޝެހެޒާދު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.
ނަމަވެސް އޭނާ ވަނީ ތަހުގީގު މަރުހަލާގައި ބަންދުގައި 50 ދުވަސް ހޭދަކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުކުމުން އެ މުއްދަތު ވަނީ އުނިކޮށްފައެވެ. އެހެންވެ އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 14 އަހަރާއި ދިހަ މަހާއި ދިހަ ދުވަސް ކަމަށް ކޯޓުން މިއަދު ކުރި ހުކުމުގައިވެއެވެ.
މި ދައުވާގެ އިތުރުން ދައުލަތުން އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް ކުރިއެވެ. އެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެ ކުށް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެހެންވެ އެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު