ޚަބަރު

މިހާރު ހުރި އަގަށް ހިޔާ ފްލެޓް ނުގަނެވޭ ފަރާތްތަަކަށް ސަބްސިޑީއެއް ދޭން މެންބަރު ސަލީމް ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ފުލެޓް ދޫކޮށްފައިވާ އަގުގައި ފްލެޓް ނުގަނެވޭ ފަރާތްތަކަށް ޓާގެޓެޓް ސަބްސިޑީއެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަލީމް މިގޮތަށް ހުށަހެޅުއްވީ، ފުލެޓުތައް ދިނުމަށް މި ސަރުކާރުން ކަނޑައެޅި އަގުތައް އޮޅުވާލަން މަސައްކަތްކުރުމުގެ އިތުރުން، އެ މަޝްރޫއު ހިންގުމުގައި ބޮޑެތި ޖަރީމާތަކެއް ބަޔަކު ހިންގާފައިވާ ކަމަށް ބުނެ އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ގާނޫނީ ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ފުލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވެ ހިންހަމަނުޖެހެނީ، ބޯހިޔާވަހި ކަމަށް ހެދި އެތަންތަން ލިބުނު ފަރާތްތަކަށް އެތަންތަނަކީ ހިޔަލަކަށް ނުވާތީ ކަމަށެވެ. އަދި ކުރީ ސަރުކާރުން އެ މަޝްރޫއު ފަށާފައި ވަނީވެސް ގޯސްކޮށް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ މަޝްރޫ ކުރިއަށް ގެންދަން ތިން ޕާޓީއަކުން ބިޑު ކުރި ނަމަވެސް މަޝްރޫއު ހަވާލުކުރީ އެންމެ އަގުބޮޑުކޮށް ހުށަހެޅި ފަރާތަށް ކަމަށާއި އެ ފަރާތުން ހުށަހެޅީ 62000 ޑޮލަރަށް ޔުނިޓެއް ހެދުމަށް ކަމަށް ވިދާޅުވިއެވެ. ދެން އޮތް ދެ ޕާޓީގެ ތެރެއިން އެއް ޕާޓީން ހުށަހަޅާފައި އޮތީ ޔުނިޓެއް 50000 ޑޮލަރަށް އަދި އަނެއް ޕާޓީން ހުށަހަޅާފައި ވަނީ ޔުނިޓެއް 55000 ޑޮލަރަށް ޖެހޭ އަގަށް ކަމަށް ސަލީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޔުނިޓެއް 55000 ޑޮލަރަށް ޖެހޭ އަގަށް އެ މަޝްރޫއު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގެ އިވެލުއޭޝަނުން ރައީސް އޮފީހަށްވެސް އޭރު ލަފާ ދެއްވި ކަމަށާއި ނަމަވެސް އެންމެ ފަހުން އެ މަޝްރޫއު އެވޯޑު ކުރީ ޔުނިޓެއް 62000 ޑޮލަރަށްޖެހޭ އަގަށް ކަމަށެވެ. އަދި އެކަމުންވެސް ކުރީ ސަރުކާރުގެ އިހުލާސްތެރިކަން ރައްޔިތުންނަށް ނެތްކަން އެނގިގެންދާ ކަމަށް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ދޮރެއް، ދޮރުފަތެއް، ތަށިމުއްޓެއް، ފަރުނީޗަރެއް ނެތް، އަދި ކުލަކޮޅެއް ލާފައިނުވާ 400 އަކަފޫޓުގެ ތަންކޮޅެއް 62000 ޑޮލަރަށް ރައްޔިތު މީހާއަށް ވިއްކަން ޖެހިފައިވާ ކަމަށާއި އޭގެ ބަދަލުގައި އެ އަށްވުރެން 20000 ޑޮލަރު އަގުހެޔޮކޮށް ހުރިހާ ކަމެއްް ފިނިޝިންއާއެކު 500 އަކަފޫޓުގެ ޔުނިޓެއް ވިއްކުމަށް މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.