ޚަބަރު

ދެ މިސްކިތެއްގެ ތެރެއަށް ކުޑަކަމުދިޔަ މީހާއަށް ދައުވާކުރަން ފޮނުވައިފި

މުހައްމަދު އިޝާން

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ހަސަން ޒިޔާދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން އެ މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ހަސަން ޒިޔާދު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދު ތިން ފަހަރެއްގެ މައްޗަށް ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން މިމަހުގެ 13 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދުނީ، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮވެދާނެތީ އާއި މުޖުތަމައުގެ ތެރެއިން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެފަހަރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިހަ ދުވަސް ޖަހައިދިނެވެ.

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ހަސަން ޒިޔާދު އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔައީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކޯޓުގައި ބުނެފައި ވަނީ، އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، އޭނާގެ ނަފުސާނީ ބައްޔެއް ހުރިތޯ ބަލަމުން އަންނަ ކަމަށާއި ހަސަން ޒިޔާދުގެ އާއިލާ އިން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމު ކުރިމައްޗަށްވާ ގޮތަށް ހަސަން ޒިޔާދު ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.