ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ސަންރައިސާސް ހައިދުރަބާދަށް ކުޅެމުން އަންނަ އަފްގާނިސްތާނުގެ ދެ ކުޅުންތެރިން ކަމަށްވާ ރާޝިދު ހާންއާއި މުޖީބުއް ރަހުމާނުގެ ވިކެޓުތަކާއެކު އެގައުމުން ސްކޮޓްލޭންޑުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.
ޑުބާއީގެ ޝާރްޖާގައި ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ 12 ޓީމުގެ ބުރުގައި އަފްގާނިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްކޮޓްލޭންޑް ބަލިކުރީ 130 ލަނޑުންނެވެ. އެއީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ ތަފާތު ބޮޑު އެއް ނަތީޖާއެވެ. މެޗުގައި ފުރަތަމަ ކުޅެން އަރައި އަފްގާނިސްތާނުން ވަނީ 20 އޯވަރުން 190 ލަނޑު ހަމަކޮށްފައެވެ. ސްކޮޓްލޭންޑުގެ އުކުންތެރިންނަށް ނުބައިކުރެވުނީ އަފްގާނިސްތާނުގެ ހަތަރު ކުޅުންތެރިންނެވެ.
އަފްގާނިސްތާނަށް އެންމެ ރަނގަޅަށް މެޗުގައި ބެޓް ކޮށްފައި ވަނީ ނަޖީބުﷲ ޒަދްރާންއެވެ. އޭނާ 34 ބޯޅައިން 59 ލަނޑު ހެދިއިރު ރަމަނުﷲ ގުރްޒަބް ވަނީ 37 ބޯޅައިން 46 ލަނޑު ހަދާފައެވެ. އަދި ހަޒްރަތުﷲ ޒަޒާއީ ވަނީ 30 ބޯޅައިން 44 ލަނޑު ހަދާފައެވެ.
ދެން ފެނިގެން ދިޔައީ އަފްގާނިސްތާނުގެ މާސްޓާކްލާސް އުކުންތެރިންގެ ހުނަރެވެ. މެޗުގެ ދެތަރިން ކަމަށްވާ މުޖީބުއް ރަހުމާނާއި ރާޝިދު ހާން ފުލުފުލުގައި ވިކެޓްތައް ނަގައި، 10.2 އޯވަރުގެ ތެރޭގައި ސްކޮޓްލޭންޑުގެ 10 ކުޅުންތެރިން ނުބައިކުރިއެވެ. އެޓީމަށް ހެދުނީ 10 އޯވަރުން 60 ލަނޑެވެ. މުޖީބުއް ރަހުމާން މެޗުގައި ފަސް ވިކެޓު ނަގާފައިވާއިރު، އޭނާގެ ހަތަރުވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައި ކުރިއެވެ.
އިންޑިއާގެ ލީގަށް އަފްގާނިސްތާނުގެ ނަން ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ ރާޝިދު ހާން މެޗުގައި ހަތަރު ވިކެޓު ނެގިއިރު، އޭނާގެ އޯވަރުތަކުން ސްކޮޓްލޭންޑަށް ހެދުނީ އެންމެ ނުވަ ލަނޑެވެ. ރާޝިދު ހާން އާއި މުޖީބުއް ރަހުމާނަކީ އަފްގާނިސްތާނުގެ ކްރިކެޓުގެ އެންމެ އަލިގަދަ ދެ ތަރިންނެވެ. އެ ދެކުޅުންތެރިން ޒުވާން އުމުރުގައި އިންޑިއާގައި އައިޕީއެލްގައި ކުޅުން ވެގެން ދިޔައީ އަފްގާނިސްތާނުގެ ކްރިކެޓް ދުށް އެންމެ ބޮޑު އެއް ކާމިޔާބީއަށެވެ.
އުމުރުން 20 އަހަރުގެ ނަޖީބުއް ރަހުމާނަކީ އައިޕީއެލްގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާވެސް މެއެވެ. އޭނާގެ އުމުރުން 17 އަހަރުގައި އައިޕީއެލްގައި ކުޅެފައިވެއެވެ. ރާޝިދު ހާންގެ އުމުރަކީ 23 އަހަރެވެ. އެ ދެކުޅުންތެރިންނަކީ މިހާރު ރީޖަންގައި ފާހަގަކޮށްލެވޭ ދެ އުކުންތެރިންނެވެ.
އަފްގާނިސްތާނުން މިފަހަރުގެ ވޯލްޑް ކަޕްގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ ނަންބިއާއާ ދެކޮޅަށެވެ.