ޚަބަރު

ކޯޓުން މައްސަލަ ބަލައި ނިމެންދެން ތިން އޮފިސަރަކު ވަޒީފާއިން ވަކި ނުކުރަން ހުކުމްކޮށްފި

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރެއްގެ މައްސަލަ ތިން އޮފިސަރެއްގެ މައްސަލަ ސިވިލް ކޯޓުން ބަލައި ނިމެންދެން، އެ މީހުން ވަޒީފާގައި ބައިތިއްބުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުގެ ލަފައާއެކު، ހަތް އޮފިސަރަކު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމިއެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.

އެ މައްސަލަ ކޯޓުން ބަލައި ނިމެންދެން އެ ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ނިިންމީ އެގޮތަށް އަމުރު ނެރެ ނުދިނުމަށެވެ. އެހެންވެ، އެ ނިންމުން އެ ފަސް އޮފިސަރުންގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ސިވިލް ކޯޓުގައި ކުރިއަށްދާ މައުލޫއީ މައްސަލަ ނިމެންދެން އޮފިސަރުން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ސަބަބުތައް ބުނެދީފައި ނުވާ ކަމަށެވެ. އަދި އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުމަށް ވާސިލްވެވުނު ސަބަބު ވެސް ބުނެދެވިފައި ނުވާ ކަމަށެވެ.

ކޯޓުން ކުރެވޭ ހުކުމުގެ އިތުރުން ވަގުތީ އަމުރާމެދު ގޮތެއް ކަނޑައަޅާއިރު އެ ކަނޑައަޅާ ސަބަބު ބުނެދިނުމަކީ ހަސްމުންނަށް ދޭންޖެހޭ ހައްގެއް ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅި އޮފިސަރުންގެ ތެރެއިން ޝަރީފާއީ ދާއޫދާއި ޝަމީމަކީ މިހާރު ވެސް ފުލުހުންގެ ވަޒީފާގައި ތިބި ބައެއް ކަމަށާއި އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ނިމުމުގެ ކުރިން އެ މީހުން ވަޒީފާއިން ވަކިކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް އެ މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން އެ މީހުންނާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ އެ މީހުންގެ ވަޒީފާ އިއާދަކުރަން ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ހާލަތުގައި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ އެ މީހުންނަށް ދޭން ޖެހިއްޖެ ނަމަ، އެއީ ދައުލަތަށް ވެސް ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމަށެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވީ އެ މީހުން ވަޒީފާގައި ބައިތިއްބައިފި ނަމަ، ފުލުހުންގެ އިސްވެރިންގެ މެދުގައި ހަމަޖެހުން ގެއްލިދާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، މިހާރު ވެސް ވަޒީފާގައި ތިބި ބައެއްގެ ވަޒީފާ ދެމެހެއްޓުމުން ހަމަޖެހުން ގެއްލޭނެ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އެހެންކަމުން ޝަރީފާއި ދާއޫދާއި ޝަމީމް ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައިގައި އިތުރަށް ޝާމިލްވާ އަހުމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދަކީ މިހާރުވެސް ވަޒީފާއިން ވަކިކޮށްފައި ބަޔަކަށް ވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ސިވިލް ކޯޓުން މައްސަލަ ބަލައި ނިމެންދެން ޝަރީފާއި ދާއޫދާއި ޝަމީމް ވަޒީފާ އިން ވަކިކުރުން މަޑުޖައްސާލުމަށް ދައުލަތުގެ މައްޗަށް އެންގުމަށެވެ.

ތިން އޮފިސަރުން ވަޒީފާއިން ވަކި ކުރުން މަޑުޖައްސާލުމަށް ހައި ކޯޓުން މިއަދު ހުކުމް ކުރިއިރު، ޝަމީމާއި ޝަރީފު އަދި ދާއޫދު ވަޒީފާއިން ވަކި ކުރުން މަޑުޖައްސާލުމަށް މިދިޔަ އަންގާރަ ދުވަހުވެސް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެގޮތަށް އަމުރުކުރީ ހައިކޯޓުން މައްސަލަ ބަލައި ނިމެންދެނެވެ.