ވައްކަމުގެ ކުށް ސާބިތުވެ ހައިކޯޓުން ހުކުމްކުރުމަށްފަހު، އެ ކޯޓުގެ ވެއިޓިން އޭރިއާގައި ބައިންދާފައި އިންދައި ފިލި މީހާ ހޯދުމަށްފަހު ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފިއެވެ.

ދައުލަތުން މއ. ވިއަވަތި، ޝިނާހު އާމިރާއި އޭނާގެ ކޮއްކޮ ތ. މަޑިފުށި، އެދުރުގެ ޝައްފާން ލުތުފީގެ މައްޗަށް ވައްކަމުގެ ދައުވާ ކުރީ، 2013 ޑިސެމްބަރު 29ގައި މާލޭގެ ގެއަކަށް އެ ދެ މީހުން ވަދެ ކަބަޑެއްގެ ތެރޭގައި ހުރި 170،000ރ. އާއި 10،000 ތައިލެންޑް ބާތު އަދި ސޮނީ ބްރޭންޑުގެ ކެމެރާއެއް ވަގަށް ނަގާފައިވާ ކަމަށް ބުނެއެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ޝައްފާންގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. ވަގަށް ނެގި ތަކެއްޗަށް ޝައްފާން ޒިންމާ ނެގުމުން ޝިނާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރިއެވެ.

ޝިނާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުން ދައުލަތުން ވަނީ ހަައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވުމަށްފަހު އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޝިނާހުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް އިއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ވައްކަމުގެ ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމް ކުރުމުން، ކަރެކްޝަން ސާވިސްއިން އޭނާއާ ހަވާލުވާން އަންނަންދެން ބައިންދާފައި އިނީ ވެއިޓިން އޭރިއާގައެވެ. އެ ތަނުގައި އިރުކޮޅަކަށް ހުރުމަށްފަހު ޝިނާހު ވަނީ ކޯޓު މުވައްޒަފުންނަށް އޮޅުވާލައިގެން ބޭރަށް ނުކުމެ ފިލައިފައެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު އިއްޔެގެ ވަގުތެއްގައި ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ހުރީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ތަހުގީގު މަރުހަލާގައި ޝިނާހު އާއި ޝައްފާން ވެސް ވަނީ ކުށައް އިއުތިރާފުވެފައެވެ. ނަމަވެސް ޝަރީއަތުގައި ދެ މީހުންވެސް އިންކާރު ކުރިއެވެ. އެކަމަކު ހެކިބަސް ނެގުމުގެ މަރުހަލާގައި ޝައްފާން ކުށަށް އިއުތިރާފުވެ ވަގަށް ނެގި ތަކެތީގެ ޒިންމާ ނެގުމުން ޝިނާހު ސަލާމަތްވިއެވެ.

ހައި ކޯޓުގައި ވާހަކަ ދައްކަމުން ޝިނާހު ބުނެފައި ވަނީ އޭނާ ގަތް ތަކެއްޗަކީ އާއިލާ މީހެއްގެ ސުވެނިއާ ފިހާރައަށް ޓޫރިސްޓުން ގެންގޮސްދީގެން ހޯދި ފައިސާއިން ގަތް ތަކެތި ކަމަށެވެ. ނަމަވެސް ޝިނާހުގެ އެ ވާހަކަތަށް ދޮގުކޮށް ދައުލަތުން ވިދާޅުވީ ޝިނާހު ތަހުގީގު މަރުހަލާގައި ވެފައިވާ އެއްބަސްވުމަށް ބާރު ލިބޭ ހެއްކާއި ގަރާނީ އެބަހުރި ކަމަށެވެ.

އެގޮތުން އޭނާ ގަތް ކަމަށް ބުނާ ތަކެތި އޭނާގެ ގެއިން ފެނުނު ކަމަށް ހެކިބަސް ދީފައިވެއެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާން ޖެހޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޝިނާހު ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ ވައްކަން ކުރަން ނުކުތީ މަސްތުވެގެން ހުރެ ކަމަށެވެ. އަދި އޭނާ އާއި ޝައްފާން ވައްކަން ކުރަން ވެގެން ގެއަކަށް ވަދެ އެގޭގެ ކަބަޑެއް ބެލުމުން ފެނުނު ފައިސާތަކެއް ގެންދިޔަ ކަމަށެވެ.

ޝައްފާން ތަހުގީގަށް ދިން ބަޔާނުގައިވާ ގޮތުން އެ މީހުން މަގުމަތިން ހިނގާފައި ދިޔަ އިރު ޝިނާހުގެ ޖިންސުގެ ތެރެއިން 500 ރުފިޔާގެ ނޫޓުތައް މަގުމައްޗަށް ވެއްޓެމުން ދިޔައެވެ. އެ ރޭ އެ ފައިސާއިން 6،500 ރުފިޔާ މަސްތުވާތަކެތި ބޭނުން ކުރުމަށް ހޭދަކުރި ކަމަށް ޝިނާހު ތަހުގީގަށް ވަނީ ކިޔައީދީފައެވެ.

މީގެ އިތުރުން ސެމްސަންގް އެސް3 ފަސް ފޯނު ގަތް ކަމަށާއި އެއީ ގާތްގަނޑަކަށް 33،000 ރުފިޔާ ކަމަށެވެ. ފޯނުތައް ގަތީ އާއިލާ މީހުންނަށް ހަދިޔާ ކުރުމަށް ކަމަށް ޝިނާހު ބުންޏެވެ. ފޯނު ގަތުމަށްފަހު 5،500 ރުފިޔާގެ އަންނައުނާއި އަދި ޝައްފާން ލެޕްޓޮޕެއް ގަންނަން 10،000 ރުފިޔާ ދިން ކަމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ހޮންޑާ ވޭވް 110އައި ސައިކަލެއް 53،000 ރުފިޔާއަށް ގަތްކަމަށާއި ސައިކަލު ގަތީ މަންމައަށް ކަމަށް ޝިނާހު ވަނީ ތަހުގީގަށް ކިޔައީދީފައެވެ.

ދިވެހި ފައިސާ ހުސްވުމުން، ވަގަށް ނެގި ބޭރު ފައިސާ މާރުކޮށްގެން 29،000 ރުފިޔާ ހޯދި ކަމަށް ވެސް ޝިނާހު ބުންޏެވެ. އަދި އޭނާ ކުރިން ގަތް ފޯނުތަކުގެ ތެރެއިން ތިން ފޯނު ޑްރަގު ގަތުމަށް ވިއްކާލައިގެން 6،000 ރުފިޔާ ހޯދިއެވެ. މާރު ކުރި ފައިސާ އާއި ފޯނު ވިއްކައިގެން ހޯދި ފައިސާ ވެސް ހުސްވީ ޑްރަގު ގަތުމަށް ކަމަށް ބުންޏެވެ.