ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ފުރަތަމަ ވަޑައިގެންނެވީ އދ. މާމިގިއްޔަށެވެ. އެއީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
މާގިލީގައި ވަގުތުކޮޅެއް ހޭދަކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ގާސިމް އިބްރާހިމާއެކު ގާސިމްގެ ރިސޯޓު، ސަން އައިލެންޑަށް ވަޑައިގެންފައެވެ. ރައީސް ނަޝީދާއި ގާސިމް ބައްދަލު ކުރެއްވީ އެ ރިސޯޓުގައެވެ.
އެ ބައްދަލުވުމުގައި ރައީސް ނަޝީދާއެކު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އަދި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކޮށް، ދައްކަވާފައިވަނީ ކޮން ވާހަކަފުޅެއްކަން ސާފެއްނުވެއެވެ.
"އަދި އެ ބައްދަލުވުމުގެ ތަފުސީލުތަކެއް ދެވޭކަށް ނެތް. ފަހުގެ ވަގުތެއްގައި އެވާހަކަތައް ހިއްސާކުރާނަން،" ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު "ވަން" އަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު، ގާސިމް އިބްރާހިމާ ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރައްވައިފައެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ގާނޫނުއަސާސީ ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރައީސް ލަފާ ދެއްވި ކަމަށާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ވީހާވެސް ސުލްހަވެރިކަމާއެކު ހައްލެއް ގެނެވޭނެ ގޮތެއް ހޯއްދެވުމަށްވެސް ލަފާ ދެއްވިކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު