ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހައެއް މެއިގެ ހަމަލާއަށްފަހު ރައީސް ނަޝީދު ފުރަތަމަ ފަހަރަށް ރައީސް ސޯލިހާ ބައްދަލުކުރެއްވީ އިއްޔެ ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަތައް ނަޝީދު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، އެކަމުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 2008ގައި އާ ގާނޫނުއަސާސީ އެކުލަވާލި އިރު، އޭގެ ބޮޑު ބައެއް ހިމެނެނީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުން ކަމަށެވެ. ނަމަވެސް އެންމެ ފަހު މަރުހަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރިޔާސީ ސިފައެއްގައި ސަރުކާރު އެކުލަވާލެއްވި ކަމަށް ވިދާޅުވިއެވެ.
"މި ގާނޫނުއަސާސީ 12، 13 އަހަރު ދުވަސް ވަންދެން ތަންފީޒުކުރި އިރު، އޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ. އަޅުގަނޑު މި ހުށަހަޅަނީ، ބާރުތައް މަޖިލީހާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް. އަދި ދެ ބާރު ނޯންނާނެ އުސޫލެއް. އޭރުން ވެރިކަން ތަރުތީބު ކުރެވި، އޮމާންވެގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ
ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީ ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރައީސް ލަފާ ދެއްވި ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ވީހާވެސް ސުލްހަވެރިކަމާއެކު ހައްލެއް ގެނެވޭނެ ގޮތެއް ހޯއްދެވުމަށްވެސް ލަފާ ދެއްވި ކަމަށް ވިދާޅުވިއެވެ.
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާނީވެސް ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު