"އެއީ މަންމަ އަކާ ބައްޕަ އަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިހެން ދަރިފުޅު. ދަރިއަކަށް ލިބޭނެ އެންމެ އޯގާތެރި ބައްޕަ." ފުޓުބޯޅަ ކުޅެން ހުއްޓާ ކުއްލި އަކަށް ވެއްޓި ފަރުވާ ދެމުން އަންނިކޮށް ރޭގެ ވަގުތެއްގައި ނިޔާވި ޕޮލިސް ނޯތު ޑިވިޝަންގެ ކޮމާންޑަރު އިސްމާއިލް ނަދީމްގެ ކޮއްކޮ އޭނާ ސިފަކޮށްދިން ގޮތެވެ.
ނަދީމްގެ ކުއްލި ވަކިވުމާއެކު އާއިލާއަށް ލިބިފައިވަނީ ފުން ހިތާމައެކެވެ. އަނބިމީހާއަށް ގަބޫލު ކުރަން ދަތިވި ހިތްދަތި މި ހަބަރާއެކު އޭނާގެ ހާލު ވަނީ ދެރަވެފަ އެވެ. ތިބި ތިން ދަރީން ދެކެ އިންތިހާއަށް ލޯބިވާ، ދަރީންނަށް އޯގާތެރި މި ބައްޕަގެ ކުއްލި ވަކިވުމުން ވަނީ ޝޮކެއް ލިބިފަ އެވެ.
ނަދީމް ދެ ކައިވެންޏެއް ކޮށްފައިވާއިރު ފުރަތަމަ ކައިވެންޏަށް 13 އަހަރުގެ ދަރިޔަކު ލިބިފައިވާއިރު ދެވަނަ ކައިވެންޏަށް ލިބުނު ފަސް އަހަރުގެ ކުއްޖަކާ ދެ އަހަރު ނުވާ ތުއްތު ކުއްޖަކު އެބަހުއްޓެވެ. ދޮށީ ދަރިފުޅަށް ވާނުވާ އެނގުނު ނަމަވެސް އެ ދަރިފުޅަށްވެސް ބައްޕަގެ ވަކިވުމުން ފުން ހިތާމައެއް ވަނީ ލިބިފަ އެވެ. އިރުއިރުކޮޅުން ރޮއެ ހަދައެވެ. އެކަމަކު ހިތްވަރާއެކު ބައްޕައަށް ދެން ކުރެވޭނީ ހެޔޮ ދުއާކަން އެހެން މީހުންނަށް ވިސްނަދޭންވެސް މަސައްކަތް ކުރެ އެވެ.
ނަދީމަކީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެވެ. އެ މަގާމާ ހަވާލުވުމަށްފަހު އޭނާ ދިރިއުޅެމުން އަންނަނީ ބ. އޭދަފުށީގަ އެވެ. އޭދަފުށީގައިވެސް ގިނަ ބަޔަކާ ގުޅޭ ނަދީމަކީ އާންމުކޮށްވެސް ފުޓުބޯޅަ ކުޅޭ މީހެއް ކަމަށް އެރަށުން "ވަން" އާ ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން އޮފީސް ތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުޓުސަލް މުބާރާތެއްގައި، ފުލުހުންގެ ޓީމުގެ ގޯލް ކީޕަރަކަށް ހުރި ނަދީމް މެޗަށް އެރި އިރު ހާލު ރަނގަޅު ކަމަށް އެ ވަގުތު އެތާ ހުރި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ބުންޏެވެ. އަދި ފުރަތަމަ ހާފްގެ ކުޅުން ކުރިއަށް ދަނިކޮށް އޭނާ އެއްފަހަރު ވެއްޓުނު ކަމަށް ވެސް ބުންޏެވެ.
"ނަދީމް ފުރަތަމަ ހާފްގަ އެއްފަހަރަށް ވެއްޓުނު، ދެން ބެންޗުގަ އިނދެ އިނދެފަ ދެވަނަ ހާފް ކުޅުން ފެށުނީމަ އަނެއްކާވެސް އެރީ. އޭރު ބެންޗުގަ އިނދެފަ ބުނި ބޮލަށް ފާޑަކަށް އެނބުރުން އަރައޭ. އެކަމަކު މޭގަ ރިއްސާ އެކަހަލަ އެއްވެސް ވާހަކައެއް ނުބުނޭ. ދެވަނަ ހާފްގެ މެޗު ކުޅެމުން ދަނިކޮށް ނަދީމް އަނެއްކާ ދަނޑުމައްޗަށް ވެއްޓުނީ. އޭރު އެއްކޮށް ހަމަ ހަބަރު ހުސްވެފަ އޮތީ." އެވަގުތު ދަނޑުމަތީގައި ހުރި އެމީހާ "ވަން" އަށް ކިޔައިދިނެވެ.
ނަދީމް ވެއްޓުމާއެކު އެވަގުތު ކުޅުން ހުއްޓާލައި އޭނާ އަތްދަނޑިމައްޗަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެ ވަގުތު ދަނޑު ކައިރީގައި އެމްބިއުލާންސެއް ނެތް ކަމަށާއި އެކަމަކު އެމްބިއުލާންސަށް ގުޅާފައިވާ ކަމަށް ބުންޏެވެ. އެހެން ނަމަވެސް މަގުގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކާއި ދަނޑަށް ވަދެވޭ ގޮތް ދަތިކަމުން ސްޓްރެޗާވެސް ވެއްދޭ ގޮތް ނުވި ކަމަށެވެ.
"އަސްލު މިކަހަލަ މުބާރާތްތައް ބާއްވާއިރު އެމްބިއުލާންސް އޮންނަން ޖެހޭ. ހާއްސަކޮށް ހޮސްޕިޓަލުން އިންތިޒާމް ކޮށްގެން ބާއްވާ އެއްޗެއްގަ އެމްބިއުލާންސް އޮންނަން ޖެހޭ. ދެން ނަސީބު ދިމާކުރި ގޮތުން ފުޓުސަލް ދަނޑު ހުންނަނީ ހޮސްޕިޓަލާ މާ ދުރަކުވެސް ނޫން. ހޮސްޕިޓަލަށް ނަދީމް ގެންގޮސް ވަގުތުން ފަރުވާ ފެށުނު. ފަރުވާ ލަސްވީ ކަމަށް ގަބޫލެއް ނުކުރެވޭ. ދެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އަސްލު އެނގުނީ ނަދީމަކީ ހިތުގެ މައްސަލައެއް މީގެ ކުރިންވެސް ފާހަގަވެފައިވާ މީހެއްކަން. އެކުގަ އުޅޭ އެއްވެސް މީހަކާ ހިއްސާއެއް ނުކުރޭ އެފަދަ ވާހަކައެއް. ބޭސް ކާ ކަން އެނގެޔޭ އެކަމަކު ކޮން ބައްޔަކަށް ކަމެއް ނޭނގޭ ކަމަށް އެއްކޮށް އުޅޭ ކުދިންވެސް ބުނީ." އޭނާ ބުންޏެވެ.
ނަދީމަކީ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭ ރަނގަޅު އަހުލާގެއްގެ ވެރިއެއް ކަމަށް ވަން އާ ވާހަކަ ދެއްކި ނަދީމްގެ އެކުވެރިޔާ ފާހަގަކުރި އެވެ. އަދި ދަނޑު ފެންނަ ކޮންމެ ފަހަރަކު އޭނާގެ މަތިން ދެން ހަނދާންވާނެ ކަމަށްވެސް ބުންޏެވެ.
ނަދީމްގެ ހިތުގެ މައްސަލަ އާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެމުން ނަދީމްގެ ކޮއްކޮ ބުނީ، މީގެ އަހަރުތަކެއް ކުރިން އޭނާގެ ހިތުގެ މައްސަލައެއް ހުންނަކަން އެނގިފައިވާ ކަމަށެވެ. އަދި އެކަމަށް ގަވާއިދުން ޑޮކްޓަރަށް ދައްކައި ބޭސް ބޭނުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
"ބޭބެ (ނަދީމް)ގެ ހިތުގެ މައްސަލައެއް ހުރިކަން ފާހަގަވެފަ އޮތީ ކުރިން. ސީދާ ކޮން އަހަރެއް ކަމެއް ޔަގީނާ ގާތަށް ބުނާކަށް ނޭނގެ. އެއީ ދެން ފެމިލީގަވެސް ހިތުގެ ބަލި ހުރޭ. ބޭބެ ގަވާއިދުން ޑޮކްޓަރަށް ދައްކާނެ ބޭސްވެސް ކާނެ. ބޭބެ މި މަގާމާ ހަވާލުވިފަހުން އުޅެނީ އޭދަފުށިގަ. މިހާރުގެ އަނބިމީހާ އާ ދެ ދަރިންވެސް ތިބޭނީ އެކޮޅުގަ." އޭނާ ކިޔައިދިނެވެ.
ނަދީމް ކޮއްކޮ ބުނީ މީގެ ކުރިން ނަދީމްގެ ހިތުގެ އެއްވެސް އޮޕަރޭޝަނެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އިއްޔެ އާ ހަމަޔަށްވެސް ބޮޑު އޮޕަރޭޝަނެއް ކުރި ކަން އެނގިފައި ނުވާ ކަމަށްވެސް ބުންޏެވެ.
ނަދީމް ނިޔާވީ އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ހާލަތަށް ބަދަލު ނައިސް ހާލު އިތުރަށް ސީރިއަސްވާތީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އަދި ނިޔާވި އިރުވެސް ނަދީމަށް ގެންދިޔައީ ވެންޓިލޭޓަރުގައި ފަރުވާދެމުން ކަމަށް އޭނާގެ ކޮއްކޮ ވަނީ ބުނެފަ އެވެ.
ނަދީމް ކޮއްކޮ ބުނީ އެއީ މަންމަ އަކާއި ބައްޕަ އަކަށް ލިބޭނެ އަގު ނުކުރެވޭނެ ފަދަ ހެޔޮލަފާ ދަރިއެއް ކަމަށެވެ. މީހުންނަށް ހެޔޮ، މީހުންނާ ގުޅޭ ދީންވެރި ހުލްގު ހެޔޮ މާތް މީހެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ތިބޭނީ ފަސް ކުދިން. ބޭބެ އަކީ ތިން ވަނަ ކުއްޖާ. ބޭބެ އަކީ ވަރަށް އޯގާތެރި ފެމިލީ ހުރިހާ ކުދިންނާވެސް ގުޅޭ މީހެއް. ބޭބެ އެހާ ކުއްލި ގޮތަކަށް ވަކިވެގެން ދިޔައީމަ އަސްލު ގަބޫލުކުރަންވެސް ދަތި. ބޭބެގެ ދޮށީ ދަރިއަށްވެސް އެނގޭ ހުރިހާ ކަމެއް. އެކަމަކު އަނެއް ދެ ކުދިންނަށް ކިހިނެއް ވިސްނަދޭނީވެސް. އެހާވެސް ކުޑަ އެ ދެކުދިން. ބޭބެގެ މަރާއެކު މުޅި އާއިލާ އަށް މިވަނީ މޮޅިވެރިކަން އައިސްފަ. ބޭބެގެ އަންހެނުންގެ ހާލުވެސް ވަރަށް ދެރަ. މަންމަ އާއި ބައްޕަގެ ހާލުވެސް ދެރަ. އެކަމަކު ދެން އޮތީ ހިތްވަރު ކޮށްފަ ހެޔޮ ދުއާ ކުރުން،" ރޮމުން ރޮމުން އޭނާ ކިޔައިދިނެވެ.
ނަދީމްގެ އެކުވެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންވެސް މި ކަންކަމަށް ދެކޮޅެއް ނުހަދަ އެވެ. ނަދީމްގެ އެކުވެރިންނާއި ގާތް މީހުންގެ ހެޔޮ ދުއާ އާއި އެންމެ ފަހުން ދެކެވުނު ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ބަންޑުން ކޮށްލާފައިވާއިރު ހުރިހާ އެންމެންވެސް ދެކެނީ އެއީ މި ދުނިޔެ މަތީގައި ލިބޭނެ އެންމެ އަހުލާގު ރަނގަޅު މާތް އެއް ރަހުމަތްތެރިޔާގެ ގޮތުގައެވެ.
ނަދީމްގެ ގާތް ރައްޓެއްސަކު ފޭސްބުކުގައި ލިޔެފައިވެ އެވެ. އެންމެ ފަހުން ނަދީމާ ދިމާވެ ދެކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑަށް އޭނާ ހަނދާން ހުންނަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަން އެންމެ ރަނގަޅު ކަމަށްބުނެ އޭނާ ދެއްކި ވާހަކަ ކަމަށެވެ. އެގޮތުން އެމީހާ ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަން އެންމެ ރަނގަޅު ކަމަކީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންގެ ހިތުގައި ދީނާމެދު އޮންނަ ލޯބި އިތުރު ކުރުމަށް މަސައްކަތް ކުރުން ކަމަށް ނަދީމް ބުނި ވާހަކަ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެހެން މީހަކުވެސް ބުނެފައިވެ އެވެ. ނަދީމަކީ އޭނާގެ ރައްޓެހިންނަށް ހެޔޮ މީހެއް ކަމަށެވެ. އަދި ނަމާދު ކުރިތޯ އަދި ނަމާދު ކުރަން ބާރު އަޅަން އޭނާ ނަސޭހަތްދޭ ކަމަށްވެސް ބުނެފައިވެ އެވެ. އެކުގައި މަސައްކަތް ކުރި މީހުންގެ ތެރެއިންވެސް މިހާތަނަށް އެންމެ ގާތްކޮށް އުޅުނީވެސް ނަދީމް ކަމަށާއި ބޮޑު މަގާމެއް ލިބުނަސް ދަށުން ތިބި މީހުންނަށް އޭނާ އޯގާތެރިކޮށް ހިތާ ކަމަށާއި ބޮޑާވެ ކިބުރުވެރިވާ މީހެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ނަދީމްގެ މަރާއެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުއްލިގޮތަކަށް ވަކިވެގެން ދިޔައީ ހަރުދަނާ ލީޑަރެއް ކަމަށާއި އެއީ ގާބިލު އޮފިސަރެއް އަދި ނަމޫނާ ކޮމާންޑަރެއް ކަމަށެވެ.
އިމްރާން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ނ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން ވެސް ނަދީމާ ދިމާވި ކަމަށާއި އަދި މި ސިފަތައް އެ ދުވަހުވެސް އޭނާގެ ކިބައިން ފެނިފައިވާ ކަމަށެވެ.
ނަދީމްގެ ޖަނާޒާ ރޭ ފަތިހު ބާއްވާފައިވާއިރު، ނަދީމް ނިޔާވުމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ހުރިހާ މަރުކަޒެއްގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފަ އެވެ. އަދި ވިދާޅުވީ 18 އަހަރަށްވުރެ ގިނަ ދުވަހު ނަދީމް ފުލުހެއްގެ ވަޒީފާ އަދާކުރައްވަފައިވާ ކަމަށާއި އޭނާ އަކީ ހުލްގު ހެޔޮ އެކުވެރި އަދި ގާބިލު އޮފިސަރެއް ކަމަށެވެ. މިއީ މުޅި މުއައްސަސާއަށް ލިބުނު ފުން ހިތާމައެއް ކަމަށްވެސް ވިދާޅުވި އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް