ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން، މުޖުތަމައުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ޔުނައިޓެޑް ނޭޝަންސް ޑޭ"ގެ މުނާސަބާގައި ޝާހިދު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ އދ. ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ރިއާޔަތްކޮށް، ހުރިހާ މެމްބަރު ގައުމުތަކާ ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫހު ދަމަހައްޓައިގެން މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމްފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.

"ކޮވިޑް 19ގެ ސަބަބުން މުޖުތަމައުގައި އޮންނަން ޖެހޭ ހަމަހަމަކަންވަނީ ގެއްލިފައި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެންމެންނަށްވެސް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމުގެ އުންމީދުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި އަދުލު އިންސާފާއި ހަމަހަމަކަން ހުރިހާ ގައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެ އަބަދުވެސް އދ. އާއެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

ރާއްޖެއިން އދ. އާ ގުޅުނީ 1965 ވަނަ އަހަރުކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އޭރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވީނަމަވެސް، ރާއްޖެއަކީ އދ. ގައި ހަރަކާތްތެރި ގައުމެއް ކަމަށާއި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ކެނޑިޑޭޓް އިންތިހާބުކުރުމުން ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ކުރާ އިތުބާރު ހާމަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެޖެންޑާ 2030 އަދި ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެ ކަމަށެވެ.