ޚަބަރު

މަހުމޫދުގެ ފޯނާއި އައިޑީކާޑާއި އިތުރު ހެކިތަކެއް ހުރީ ސާލިމް ދިރިއުޅޭ ގޭގައި ވަޅުލާފައި!

މުހައްމަދު އިޝާން

1

އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑު ފެނިފައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަންގުލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ދިރިއުޅޭ ގޭގައި ވަޅުލާފައި ހުއްޓައި ކަމަށް ފުލުހުން ބުނެފިއެވެ.

ވިޔަފާރިވެރިޔާ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.

އެ މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގު ކުރަމުންނެވެ.

ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރުމުގެ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސާލިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއްް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ވަޅުލާފައި ހުރި ކަމަށެވެ.

ސާލިމު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ، މަހުމޫދު މަރާލުމުގައި ސާލިމުގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި އެރަށުގެ މީހުން ފުރަތަމަ ތުހުމަތުކޮށްފައިވަނީ އއ. ތޮއްޑުއަށް ނިސްބަތްވާ ދެ މީހަކަށެވެ. ދަނގެތީ ރައްޔިތުން ނުކުމެ އެ ދެ މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރުމުން ވަނީ އެމީހުން ގެންދިޔައީ އދ. މަހިބަދޫއަށެވެ. އެއީ އއ. ތޮއްޑުއަށް ނިސްބަތްވާ އަލީ ޖަމްޝާދު، (31) އާއި އޭނާއާ ދެބެންގެ ދެދަރި ޝާރިހް އަލީ (20) އެވެ.

މަހުމޫދުގެ މަރާއެކު ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެދުމުން، އެ ދެ މީހުންނާއެކު އެއް ގެއެއްގައި އުޅުނު އަންހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ފަހުން އެމީހުން ވަނީ އެހެން މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 އަހަރުގެ ފިރިހެނެކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުން އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އަދި އަންހެން މީހާވެސް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.