ޒިނޭގެ މައްސަލަތަކުގައި ޑީއެންއޭ ބަލައިގަތުމަކީ އިންސާފަށް ވާސިލުވާން އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓު (އެމްއާރުއެމް)އިން ބުނެފިއެވެ.

ށ. އަތޮޅު ގޮއިދޫ، ނޫއަލި ފާތިމަތު ޝަމީމާ 13 އޭޕްރީލް 2016 ގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާ އަކީ ދ. ކުޑަހުވަދޫ، ތާޖު، މުހައްމަދު ތައުފީގާއެކު ބަދުއަހުލާގީ އަމަލު ހިންގައި، ޒިނޭ ކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް ޝަމީމާ ބުނާތީ އާއި މި ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ ދިމާވާތީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ތައުފީގުގެ މައްޗަށް ޒިނޭކުރިކަމުގެ ދައުވާކޮށްފައެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކަނޑައެޅީ، ޑީއެންއޭގެ ހެކީގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ތައުފީގުގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުވާ ކަމަށެވެ. އަންހެނުންގެ ހެކިބަހުގެ ގާނޫނުގައިވާ އުސޫލުތަކަށް ބަލާއިރު، ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އިއުތިރާފުން ކަމަށް ވެސް އެ ކޯޓުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލައި ހައިކޯޓުން ހުކުމް ކުރީ ކުޑަހުވަދޫ ކޯޓުގެ ނިންމުމަށް ތާއީދު ކުުރުމަށެވެ. ހައި ކޯޓުގެ އެ ނިންމުން ޕީޖީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަދު ހުކުމްކުރީ، ޒިނޭގެ މައްސަލަތަކުގައި ޑީއޭންއޭ ބަލައިގަނެވޭނެ ކަމަށެވެ. ޑީއެންއޭއިން ޒިނޭ ސާބިތު ކުރެވުނަސް އެ މައްސަލައިގައި ދެވޭނީ ތައުޒީރީ ނުވަތަ ގާނޫނީ އަދަބެއް ކަމަށެވެ. އިސްލާމީ ޝަރީއަތުގައިވާ އަދަބު ނުދެވޭނެ ކަމަށް ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން އެމްއާރުއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހެއްކެއްގެ ގޮތުގައި ޑީއެންއޭ ބޭނުން ކުރެވޭނެ ކަމަށް ކަނޑައެޅުމަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ.

އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އެ ހުކުމާ ގުޅޭގޮތުން ވިދާޅުވީ، ހެއްކެއްގެ ގޮތުގައި ޑިއޭންއޭ ބަލައިގަތުމާ ބެހޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ފުރިހަމައަށް ތާއިދުކުރާ ކަމަށެވެ.

ޒިނޭގެ ކުށް ސާބިތުކުރަން ޑީއޭންއޭ ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ހައި ކޯޓުގެ އެ ހުކުމާ ގުޅޭގޮތުން ޕީޖީ ހުސެއިން ޝަމީމު އޭނާގެ ބްލޮގުގައި ވިދާޅުވެފައިވަނީ ޑީއޭންއޭއަކީ ސައްހަ ގަރީނާއެއް ކަމަށްވުމުން، ހައި ކޯޓުގެ ހުކުމް ގޯސް ކަމަށެވެ. އަދި ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ވެސް ވަނީ އެ ހުކުމް ގޯސް ކަމަށް ވިދާޅުވެފައެވެ.