ށ. ފުނަދޫ، އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކު ޕޮޒިޓިވް ވެ، ގިނަ ބަޔަކާ ބައްދަލުވެފައިވާތީ އެރަށް މޮނިޓަރިން އަށް ލައިފި އެވެ.
ފުނަދޫ ކައުންސިލް ރައީސް އަހުމަދު އިބްރާހިމްފުޅު "ވަން" އަށް އިއްޔެ ވިދާޅުވީ ނަރުސް މީހާ އަކީ މާލެއިން އެރަށަށް ނެގެޓިވް ސާމްޕަލް އާއެކު މީގެ 15 ވަރަކަށް ދުވަސް ކުރިން ދިޔަ މީހެއް ކަމަށެވެ. އޭނާ މާލެއިން ދިޔައީ އޭނާގެ މަންމަ އާއި ބައްޕަ އާ ދެމީހުން އެކުގައި ކަމަށާއި މަންމަމެން ވެކްސިން ފުރިހަމަ ނުކޮށް ތިބުމުން ކަރަންޓީން ވާން ޖެހުނު ކަމަށެވެ. އެކަމަކު ނަރުސް މީހާ ކަރަންޓީނު ވާން ނުޖެހި މަސައްކަތަށް ނިކުތް ކަމަށް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ނަރުސް މީހާގެ މަންމަ އާއި ބައްޕަ 14 ދުވަސް ފަހުން ކަރަންޓީނުން ދޫކުރުމަށް ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ނަރުސް ކުއްޖާ އެ މީހުންނާ ކޮންޓެކްޓު ވެފައިވާ ކަމަށެވެ. އެއީ އެ ނަރުސް ކުއްޖާ އޭނާގެ ބައްޕަގެ ގައިގައި ބޭސް އެޅުމަށް އެ ގެއަށް ވަނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. ހަމަ އެކަނި ކަރަންޓީނުގަ ތިބި ހަތަރު މީހަކު ފިޔަވައި މި ނަރުސް މީހާ އެކަނި އަދި މިހާތަނަށް ރަށުތެރެއިން ޕޮޒިޓިވް ވީ. ރަށުތެރެއިންނޭ މިދެންނެވީ ގިނަ ބަޔަކާ އޭނާ ބައްދަލުވެފަ ހުންނާނީ ނަރުހަކަށް މަސައްކަތް ކުރާތީ. ހޮސްޕިޓަލުން އަނެއްހެން މީހުންނާއި ބައްދަލުވާނެ ދެއްތޯ. އެހެންވެ އަސްލު ގިނަ ބަޔަކާ ޑައިރެކްޓް ކޮންޓެކްޓް ވެފަ ހުންނާނެ ކަމަށް ބަލާފަ މޮނިޓަރިން އަށް ލީ." އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން އަމަލު ކުރަމުން އަންނަ އުސޫލުވާ ގޮތުން ޑައިރެކްޓް ކޮންޓެކްޓަކު ޕޮޒިޓިވް ވި ނަމަވެސް އެރަށެއް މޮނިޓަރިން އަކަށް ނުލަ އެވެ. ނަމަވެސް ފުނަދޫ މޮނިޓަރިން އަށް ލީ ސަބަބު ހޯދުމަށް އެޗްޕީއޭގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ގިނަ ކޭސްތައް މިހާރު ފެންނަނީ އަތޮޅު ތެރެއިންނެވެ. މިހާރު ރާއްޖޭގެ 16 ރަށެއް ވަނީ މޮނިޓަރިން އަށް ލާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު