ޚަބަރު

މަޖުބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުމުން، މުޅި އުމުރަށް ކިޔެވުން މަތިން ފޫހިވުން އެކަށީގެންވޭ: މިނިސްޓަރު

އައިޝަތު ނިއުޝާ

މަޖުބޫރުކޮށްގެން ކުދީން ފިލާވަޅު ދަސްކުރަން ބޭތިއްބުން އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި، މިކަމުގެ ސަބަބުން މުޅި އުމުރުގައި ކުއްޖާ ކިޔެވުން މަތިން ފޫހިވުން އެކަށީގެން ވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ "މުހައްމަދު ގާސިމް ޕްރީސްކޫލް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ކުދިންނަށް މަޖުބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުން އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި، އެހެން ނަމަވެސް އެކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދަރިވަރުންގެ ސިކުނޑި ރަނގަޅަށް ތަރައްގީވުމަށް ޓަކައި ބޭނުންވާ ހުނަރުތައް ދަސްނުވަނީސް ކިޔަވަން މަޖުބޫރުކުރުމުގެ ސަބަބުން މުޅި އުމުރުގައި ކުއްޖާ ކިޔެވުން މަތިން ފޫހިވުން އެކަށީގެންވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، "މުހައްމަދު ގާސިމް ޕްރީސްކޫލް" ގައި އެންމެ ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުމަށް ކަމަށެވެ. އެގޮތުން ސްކޫލުގެ މޮޓޯގައި ބުނާފަދައިން މި ސްކޫލުގައި ދަރިވަރުން ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކުޅިވަރެއްގެ ތެރެއިން އާ ކަންތައްތަކެއް ދަރިވަރުން ދަސްކުރާނެ ދުވަހަކަށް ހެދުމަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރާއެކު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، "މުހައްމަދު ގާސިމް ޕްރީސްކޫލު"ގެ ޕްރިންސިޕަލް ހަދީޖާ ހުސައިން، އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރީންގެ އިތުރުން ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސްކޫލަކީ ދެ ގޮތަކުން ފާހަގަކޮށްލެވޭ ހާއްސަ ސްކޫލެއް ކަމަށެވެ. އެގޮތުން މިއީ ސަރުކާރުގެ ފަރާތުން މި ސަރަހައްދުގައި ވަކިން ހިންގާ ފުރަތަމަ ޕްރީ ސްކޫލް ކަމަށާއި، އަދި މި ސްކޫލަކީ ހަމައެކަނި ތުއްތުކުދީންގެ އުމުރުފުރައަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ހިންގަން ފަށާ ފުރަތަމަ ސްކޫލް ކަމަށެވެ. އޭގެ އިތުރުން މި ސްކޫލަކީ މއ. ފީރުމުރަނގަގޭ އަލީ ފިރާގު އޭނާގެ ބައްޕަ، އަލްމަރްހޫމް މުހައްމަދު ގާސިމްގެ ހަނދާނުގައި ބިނާކޮށްފައިވާ ސްކޫލެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިއަދު ހުޅުމާލޭގައި ހުޅުވި މި ސްކޫލްގައި އެލްކޭޖީ، ޔޫކޭޖީ އަށް ކިޔަވައިދޭނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ. އެގޮތުން 750 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ހުޅުވާފައިވަނީ، 22 ދަރިވަރުންނާއި 6 މުދައްރިސުންނާއި 2 އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި 4 ސަޕޯޓް ސްޓާފުންނާއި އެކުގައެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިން ރޫމް، އޮފީސް، މިޔުޒިކް ރޫމް، ކޮމްޕިއުޓާ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.

އެޑިޔުކޭޝަނުން ބުނީ، "މުހައްމަދު ގާސިމް ޕްރީސްކޫލް"ގެ އެލްކޭޖީ އަދި ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް https://myoffice.moe.gov.mv/forms/id/2 މި ލިންކު މެދުވެރިކޮށް ފޯމު ހުށައެޅޭނެ ކަމަށެވެ. އަދި މި ސްކޫލަށް ވަންނަ ދަރިވަރުންނަށް މި އަހަރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާ އެކު ސްކޫލަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.