ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައިފިއެވެ.
އެ މަޝްވަރާ ކުރައްވާފައި ވަނީ ދެ ރައީސުން ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުކުރީގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުންނާއި ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު، ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވާފައިވާ އިރު، ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކޭނީ ރައީސް ސޯލިހާ މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.