އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ދަ ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރަސީ (ސީއެލްޑީ) ގުޅިގެން ރާއްޖޭގައި މީޑިއާ އާއި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ތައްޔާރުކުރި "މޯލްޑިވްސް: އޯވަވިއު އޮފް ދަ އެންވަޔަރަމަންޓް ފޯ މީޑިއާ" ރިޕޯޓު އާންމުކޮށްފިއެވެ.
އެ ރިޕޯޓު ނެރެފައިވަނީ ޒޫމް މެދުވެރިކޮށް އިއްޔެ ހަވީރު ބޭއްވި އޮންލައިން ހަފުލާއެއްގައެވެ. އެ ހަފުލާގައި ސީއެލްޑީ އާއި އެމްޖޭއޭ އާއި ދިވެހި ބައެއް ނޫސްވެރިންނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޕޯޓު ނެރުމަށްފަހު ވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށްގެންގޮސްފައެވެ. އެ ޑިސްކަޝަންގައި ސީއެލްޑީގެ އެގްޒެކެޓިވް ޑިރެކްޓަރު ޓޮބީ މެންޑޭލް އާއި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދާއި ދަ ޓައިމްސް އޮފް އައްޑޫގެ ކޮންޓްރިބިއުޓިން އެޑިޓަރު ރާއީ މުނައްވަރާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ސައުތު އޭޝިއާ ކެމްޕޭނަރު ސާދް ހައްމާދީ އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އައުޓްރީޗް މެނޭޖަރު ޝާޒިޔާ އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގައި މީޑިއާ އާއި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓުގައި ވަނީ އެކިއެކި ސަރުކާރުތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައިކަން ފާހަގަކޮށްފައެވެ. އަދި 2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާން އަހުމަދާއި 2017 ވަނަ އަހަރު މަރާލި ބްލޮގަރު ޔާމީން ރަޝީދަށް މިއަދާ ހަމައަށް ވެސް އިންސާފު ލިބިފައި ނުވާ ކަން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ގާނޫނު އަސާސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ބާރު އަޅާފައިވީ ނަމަވެސް، މީޑިއާއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ނޫސްވެރިން އެކްރެޑިޓްކުރުމަށް މިނިވަން ނިޒާމެއް ގާއިމުކުރުމާއި، ބައެއް އުސޫލުތަކަށް ބަދަލުތ ގެންނަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނަކާއި މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނެއް ނެތްކަން ފާހަގަކޮށް، އެ ގާނޫނުތައް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް ރިޕޯޓުގައި ވަނީ އަލިއަޅުވާލައިފައެވެ. އަދި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް ރޭންކިންގައި 2018 އިން ފެށިގެން ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުން ވެސް ފާހަގަކޮށްފައިވެއެވެ.
["މޯލްޑިވްސް: އޯވަވިއު އޮފް ދަ އެންވަޔަރަމަންޓް ފޯ މީޑިއާ" ރިޕޯޓު](https://www.law-democracy.org/live/wp-content/uploads/2021/10/Maldives-Report.Final_.pdf)
ޚަބަރު
ޚަބަރު
ޚަބަރު