ޚަބަރު

ކޮވިޑު ކޭސްތަކެއް ފެނި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ލޮކްޑައުން ކޮށްފި

ރިފާ ހަލީލު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުން އަދި މުވައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ މަރުކަޒު ލޮކްޑައުން ކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެމަރުކަޒު ލޮކްޑައުންކުރަން ނިންމައި، އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން، އެ މަރުކަޒަށް މީހުން ވަދެ ނިކުމެއުޅުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ މީހުންނާއި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، އެ މަރުކަޒުގެ ސިއްހީ ހިދުމަތްތެރިންގެ ޓީމުން ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅައި، އެޗްޕީއޭގެ ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތީން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުން ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށާއި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ލިބެން ޖެހޭނެ އެންމެންނަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ޕޮޒިޓިވް ވެފައިވާ ބަލިމީހުން ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށް އެނޫން މީހުން އެ މަރުކަޒުގައި އައިސޮލޭޓް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ގުރައިދޫ މަރުކަޒުގެ ކޮވިޑުގެ ހާލަތު އާންމު ހާލަތަކަށް އަނބުރާ ގެނައުމަށް ކުރަމުން އަންނަ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެ މަރުކަޒުގެ އިސްވެރިންނާއި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތު ސެންޓަރުގެ އިސްވެރިޔާ އާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސ2 ޖެންޑާ ގެ ބަޔާނުގައި ބުނެފައިވެއެވެ.

މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގެ ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ރައްކާތެރިކަމަށް ކުރިއަށް އޮތްތަނަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު މިހާރު ގެންގޮސް ނިމިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ އިތުރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އާއި ކޮންޒިއުމަބަލްސް އެ މަރުކަޒަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ހިދުމަތްތެރިން ގުރައިދުއަށް ދިއުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯޝަލް ސަޕޯޓް ދިނުމަށް މިކަމުގެ ތަމްރީނު ލިބިފައިވާ ދެ ސޯޝަލްވާކަރުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގައި ހަރަކާތްތެރިވާނެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން، ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދޭނެ." ބަޔާނުގައި ބުނެފައިވެ އެވެ.

ގުރައިދޫއިން 108 މީހުން ޕޮޒިޓިވް ވެ އެރަށްވެސް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.