ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމުގެ އިތުރުން، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލު ރައީސް ހަސަން ސޮލާހު މިއަދު ވިދާޅުވީ، އަލަށް މި ހިއްކި 25 ހެކްޓަރު ބިމާއެކު ރަށުގައި ކުރިން މީހުން ދިރިއުޅެން އޮތް ބިމާ ގާތްގަނޑަކަށް އެއްވަރުގެ ބިމެއް ރަށަށް އަލުން އިތުރުވެއްޖެ ކަމަށެވެ. އެގޮތުން ރަށުގައި 32 ހެކްޓަރުގެ ބިން އޮންނަ ނަމަވެސް އެމްއެންޑީއެފް އަށާއި ޖަލަށް މިހާރު އޮންނަ ބިމުން ބޮޑު ސަރަހައްދެއް ނަގާފައިވާ ކަމަށެވެ.
ސޮލާހު އިތުރަށް ވިދާޅުވީ މާފުށިން ބަންޑާރަގޯތި ނުދޭތާ 20 އަހަރު ވެފައިވާ ކަމަށެވެ. ބިން ހިއްކުމާއެކު މިކަމަށްވެސް ހައްލު ލިބި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އޭގެ އިތުރުން މިހާރު "ލޭންޑް ޔޫސް ޕްލޭން" ހަދަމުން އަންނަ ކަމަށާއި، ބިން ހިއްކުނު ނަމަވެސް ބްރިޖެއް ނެތި އެ ބިން އަދި ބޭނުން ކުރެވެން ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ބްރިޖުގެ ކޮންސެޕް ޑިޒައިން އެމްޓީސީސީން މިހާރު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުއަކީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު