ޚަބަރު

ރައީސް، ޒުވާނުންނަށް: ހަޔާތުގެ ކުރިމަގު ބާއްޖަވެރިކުރެވޭނީ ޒުވާން އުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން

އެމީހެއްގެ ހަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާކުރެވޭނީ ޒުވާން އުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން ކަމަށް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ޒުވާނުންވެސް މިއަދު ވިސްނަންވީ، މިހާރު ހޭދަކުރަމުންދަނީ އުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަމުގެ ގޮތުގައި ކަމަށެވެ.

"އެމީހެއްގެ ހަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާކުރެވޭނީ، ޒުވާން އުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން. ރާއްޖޭގެ ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް ތަފާތު ހުނަރުތަކަކާއި ތަފާތު ގާބިލުކަމެއް ހުންނާނެ. ގައުމު މިއަދު އެދި ގޮވަނީ ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން، އަދި އުފެއްދުންތެރި ވިސްނުންތަކުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެއަތް އުރާލައިގެން ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބައުޅޭ ކަމަށާއި ހަމައެއާއެކު ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ވެސް އެބަ ހަރަކާތްތެރިވާ ކަމަށެވެ. އެކަމުން އެނގެނީ މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރިކަން ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ޒުވާނުން މިހާރަށް ވުރެ ސީރިއަސް ގޮތެއްގައި ވިސްނަން ޖެހިފައިވާ ކަމެއް. އާއިލާތަކުން ވެސް އަދި މުޅި މުޖުތަމައުވެސް މިކަމާ މެދު ވިސްނައި ހައްލެއް ހޯދަންޖެހޭ މައްސަލައެއް. ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރާނީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ފެށުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކިތަންމެ ކުޑަ ނަމަވެސް އާމްދަނީއެއް ލިބުމަކީ އެއްވެސް އާމްދަނީއެއް ނުލިބި ހުރުމަށް ވުރެ، އެތައް ގޮތަކުން ރަނގަޅު ކަމެއް ކަމަށާއި ގައުމީ ފެންވަރުގައި ވިސްނިޔަސް، އެއީ އެތައް ފައިސާއެއް ރާއްޖޭން ބޭރަށް ނުގޮސް ހިފެހެއްޓޭނެ ކަމެއް ކަމަށެވެ. އަދި ޒުވާނުންނަކީ ގައުމުގެ ހިންގުމާ މާދަމާ ހަވާލުވާން ތިބި މީހުންކަން ވިސްނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.