ޒުވާނުންގެ ދުވަސް ފާހަކުރުމަށް ހދ. ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗާއެކު އެ ސިޓީގެ ޓާފް ދަނޑު ހުޅުވައިފިއެވެ.

މިއަދު ހަވީރު ކުޅުނު އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމުން ނުކުތީ ކުޅުދުއްފުށީ ސިޓީން ހޮވާލެވުނު ޓީމަކާ ދެކޮޅަށެވެ. އެ މެޗު ގައުމީ ޓީމުން ކާމިޔާބު ކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މެޗު ބެލުމަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް ޓާފް ދަނޑަށް ގޮސްފައިވެއެވެ. ހާއްސަކޮށް މެޗުގެ ތެރެއިން އެ ސިޓީގެ ސަޕޯޓަރުންގެ ފަރާތުން، އެ ސަޕޯޓަރުންނަށް ހާއްސަ "ވައިކިން ކްލެޕްސް"ގެ މަންޒަރުތައް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުއްވައިދެއްވާފައިވާއިރު، މެޗުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެލެއްވިއެވެ. ދެވަނަ ހާފުގައި މަހުލޫފު ގައުމީ ޓީމަށް ކުޅެފައިވެސްވެއެވެ. މެޗުގެ ހާފުޓައިމްގައި މަހުލޫފް ވަނީ ރަށުގެ ރައްޔިތުންނާ ވާހަކަވެސް ދައްކަވައިފައެވެ.

މަހުލޫފު ވިދާޅުވީ ޝަރަފުވެރިކަމުގެ މެޗަށްޓަކައި ގައުމީ ޓީމަށާއި ކުޅުދުއްފުށީ ޒުވާނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ދަނޑުގެ ފެންސު ޖެހުމާއި ރޮސްޓްރަމްގެ މަސައްކަތްވެސް ރައީސްގެ އިރުޝާދާއެކު ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

އޭގެ އިތުރުން މަހުލޫފް ފާހަގަކުރެއްވީ ކުޅުދުއްފުށީ ސިޓީގެ ކޮރަލް ދަނޑުގެ ފެންސު ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަން ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށާއި ސިންތެޓިކް ކޯޓުތަކާއެކު އިންޑޯގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އިންޑިއާގެ އެހީތެރިކަމާއެކު ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

މިއަދުގެ މެޗުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވާއިރު، މެޗުގައި ފެނިފައި ނުވަނީ އަނިޔާގައި ތިބި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން މިވަގުތު ޒުވާން ޓީމާއެކު ބަހްރެއިންގައި ފަރިތަކުރަމުންދާ ހައިޝަމް ސަލީމް (ބިޑި) އަދި ގޯލްކީޕަރު އަލީ ނާޖިހެވެ.

މެޗުގައި ގައުމީ ޓީމުގެ ގޯލުތައް ޖަހައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިސްމާއީލް އީސަ (މެސީ)ގެ އިތުރުން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގައި ދަގަނޑޭ އާއި އަސައްކޮ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

ގައުމީ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީ ސިޓީގައި ފާހަގަކުރަމުންދަނީ ކުޅިވަރުގެ އެތައް ހަރަކާތްތަކަކާއި އިޖުތިމާއީ ގިނަ އިވެންޓުތަކަކާވެސް އެކުގައެވެ. ހާއްސަކޮށް އެ ސިޓީން އީދެއްގެ ސިފައިގައި އިވެންޓުތަކުގައި ބައިވެރިވަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.