ލިވަޕޫލުގެ މިސްރުގެ ތަރި މުހައްމަދު ސަލާހް ބޭނުންވަނީ ކްލަބުގައި ކެރިއަރު ނިންމާލަން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 29 އަހަރުގެ މިސްރުގެ ފޯވަޑް ލިވަޕޫލަށް މިހާތަނަށް ކުޅެފައިވާ 214 މެޗުން 137 ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ މިހާތަނަށް ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. ސަލާހް ލިވަޕޫލާ ގުޅިފައިވަނީ 2017 ވަނަ އަހަރު ރޯމާއިންނެވެ. މި ސީޒަންގެ މިހާތަނަށް ސަލާހް ވަނީ ކްލަބަށް 12 ގޯލު ޖަހައިދީފައެވެ. މި ސީޒަންގެ ނިޔަލަށް ސަލާހާއެކު ލިވަޕޫލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރު، އޭނާގެ އެއްބަސްވުން އާކުރަން މިހާރު ދަނީ ވާހަކަތައް ދެކެވެމުންނެވެ.

"އަހަރެން އަތުގައި އެކަނި އޮތް ކަމެއް ނޫން އެއްބަސްވުމުގެ ހާލަތަކީ. އަހަރެން ކައިރީ އަހައިފިނަމަ ބުނަން ބޭނުންވަނީ ކެރިއަރު ނިންމާލާނީ ލިވަޕޫލުގައި ކަމަށް. އެކަމަކު އެއްބަސްވުން އާކުރުން ޑިޕެންޑް ވާނީ ކްލަބުން ބުނާ އެއްޗަކަށް،" ސަލާހް ބުންޏެވެ.

ސަލާހް ބުނީ ލިވަޕޫލް ނޫން އެހެން ކްލަބަކަށް މިވަގުތު ކުޅެން ބޭނުން ނުވާ ކަމަށާއި، އެފަދަ ނިންމުމެއް ނިންމަން ވަރަށް އުނދަގޫވެސް ވާނެ ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުން އާކުރުމުގެ ވާހަކަތައް އަދި ދައްކަން ބޭނުން ނުވާ ކަމަށް ސަލާހް ބުންޏެވެ.

ސަލާހަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިސްރުގެ އަލް މޮކައުލޫންއިން ކެރިއަރު ފެށި ސަލާހް، އޭގެ ފަހުން ވަނީ ބާސެލްއާއި ޗެލްސީއަށްވެސް ކުޅެފައެވެ. އޭގެ ފަހުން އިޓަލީއަށް ގޮސް ފިއޮރެންޓީނާއާއި ރޯމާއަށް ސަލާހު ކުޅެފައިވާ އިރު، ލިވަޕޫލަށް ބަދަލުވީ އޭގެ ފަހުންނެވެ.