މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި ހިންގާ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތް ފުޅާކޮށް، އެ ޕޯޓުގެ އާ އިމާރާތް ރޭ ހުޅުވައިފިއެވެ.

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

އިމާރާތް ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުން ހިންގާއިރު ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލަށް ވަރަށް ޑިމާންޑު ބޮޑުވާ ކަމަށެވެ. ޑިމާންޑު އިތުރުވާ ވަރަކަށް ހިދުމަތް ހޯދާ މީހުންނާއި ހިދުމަތްދޭ އެކުންފުނީގެ މުވައްޒަފުންގެ ކަންބޮޑުވުންވެސް އިތުރުވަމުންދާތީ ޑިމާންޑާ އެއްވަރަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އާ ޓާމިނަލް އިމާރާތް ކުރި އިރު ހިދުމަތް ހޯދާ ކަސްޓަމަރުންނާއި ހިދުމަތްދޭ މީހުންގެ ކަންބޮޑުވުންތަކަށް ވަރަށް ބޮޑަށް ވިސްނާފައި އިމާރާތްކުރީ. ދެން މިހާރުވެސް މުވައްޒަފުންގެ ކަންބޮޑުވުންތައް އެބަހުރި. އެ މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ފޯރުކޮށްދިނުން އެންމެ މުހިންމު ކަމަކީ. އެގޮތުން މިހާތަނަށް ކުރެވުނު މަޝްވަރާގައި އަޅުގަނޑުމެން ވިސްނީ ރަނގަޅު ބިމެއް ލިބިއްޖެއްޔާ މުވައްޒަފުންނަށް އެކަށިގެންވާނެ ބޮޑު އޮފީސް އިމާރާތެއް ގާއިމުކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ޓާމިނަލަށް ގިނަ ވަސީލަތްތަކެއް ބޭނުންވާ ކަމަށާއި އެގޮތުން އެންމެ މުހިންމު އެކައްޗަކަށް ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމަންޓު މިހާރުން މިހާރަށް ވެސް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ލޯކަލް ބަނދަރުތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އޮފީސް އިމާރާތެއް އެޅުމަށް ބިން ބޭނުންވާ ކަން ޝާހިދު ފާހަގަކުރެއްވުމުން މި ރަސްމިއްޔާތުގައި ބައިވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ އެމްޕީއެލް އޮފީސް އިމާރާތް އެޅުމަށް ބިމެއް ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގެ އެޗްއޯޑީ އިބްރާހިމް ރަޝީދު ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭ ޓާމިނަލަށް ބޮޑެތި ބަދަލުތަކާއި ކުރިއެރުން ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ހިދުމަތްދޭ ބޮންޑު ކީޕާސްއަށް މީގެ ކުރިން ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައި ބޮންޑު އެކްސްޓެންޑް ކޮށްފައިވާ ކަމަށެވެ. އަދި އާ އިމާރާތުގެ ސަބަބުން އެ ޕޯޓުން ދެމުން އަންނަ ހިދުމަތްތައް ފުޅާވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ޕޯޓަކީ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އިތުރުވަމުން ދިއުމާ ގުޅިގެން ހުސް ކޮންޓެއިނަރުތައް ބެހެއްޓުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް އެ ހުސް ކޮންޓެއިނަރުތައް ބެހެއްޓުމަށް ގާއިމުކުރި ޕޯޓެކެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ޕޯޓު އިންޓަނޭޝަނަލް ޕޯޓަކަށް ހަދައި މުދާ ކްލިއާ ކުރުމުގެ ހިދުމަތް ދޭން ފެށިއެވެ.

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.