ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ ކުރީބައިގައި ޔުވެންޓަސް ދޫކޮށްލި ނަމަ ފަސޭހަވީސް: ޗިއެލީނީ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ލަސްވި ކަމަށާއި، ޓްރާންސްފާ ސީޒަންގެ ކުރީކޮޅުގައި ރޮނާލްޑޯ ކްލަބު ދޫކޮށްލިނަމަ މާ ބޮޑަށްވެސް ފަސޭހަވާނެ ކަމަށް ޑިފެންޑަރު ޖޯޖިއޯ ޗިއެލީނީ ބުނެފިއެވެ.

ރޮނާލްޑޯ، އޯގަސްޓް 28 ވަނަ ދުވަހު ޔުވެންޓަސް ދޫކޮށް އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ ތިން އަހަރު ޔުވެންޓަސްގައި ހޭދަކުރުމަށް ފަހުއެވެ. ނިމިދިޔަ ޓްރާންސްފާ ސީޒަންގެ ކުރީކޮޅުގައިވެސް ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރި ކަމުގެ ވާހަކަތައް ދެކެވިފައި އޮތް ނަމަވެސް، އޭނާ ނިންމުން ނިންމީ މާކެޓް ބަންދުވާން ދެތިން ދުވަހަށް ވެފައި ވަނިކޮށެވެ. ޔުވެންޓަސް ކެޕްޓަން ޗިއެލީނީ ވަނީ އެގޮތަށް އެކަން ކުރުމުން ރޮނާލްޑޯއަށް ނުސީދާކޮށް ފާޑު ކިޔައިފައެވެ.

"ޔުވެންޓަސް އޮތީ އާ ވިސްނުމަކަށް ތެދުވާން ޖެހިފައި. ރޮނާލްޑޯއަށްވެސް އޮތީ އޭނާއަށް ކުޅޭނެ ޓީމެއް ހޯދަން ޖެހިފައި. އެކަހަލަ ޓީމެއްގައި ރޮނާލްޑޯ އަބަދުވެސް ތަފާތު ދައްކާނެ. އެއީ ރޮނާލްޑޯގެ ސްޓައިލް. ޔުވެންޓަސްއާއެކު ހޭދަކުރި ތިން އަހަރުގައިވެސް ރޮނާލްޑޯ ދިޔައީ ތަފާތު ދައްކަމުން. އެހެންނަމަވެސް އާ ވިސްނުމަށް ދާން ޖެހިފައި ހުރިކަން މާ ކުރިންވެސް އެނގޭ،" ޗިއެލީނީ ބުންޏެވެ.

ޗިއެލީނީ ބުނީ ރޮނާލްޑޯ މަޑުކުރިނަމަ އޭގެން ދޭހަވެގެން ދާނީ ޔުވެންޓަސްއިން މުސްތަގުބަލަށް އެންމެ ފުންކޮށް ނުވިސްނާކަން ކަމަށާއި އެއީ އެންމެނަށްވެސް އެކަން ސިފަވާނެ ގޮތް ކަމަށެވެ.

"ރޮނާލްޑޯ ދިޔައީ އޯގަސްޓް 28 ގައި. ޓީމަށް ރަނގަޅުވީސް އެމަހުގެ ކުރީކޮޅުގައި ދިޔަ ނަމަ. ޝޮކެއް ލިބުނު ކަހަލަ ކުއްލިއަކަށް ރޮނާލްޑޯ ދިޔައިމަ. ޓީމުން ލީގު ފެށިއިރު ތިބީ އެ ޝޮކުގައި. އޭގެ ނަތީޖާ ފެނުނު. ދަށްކޮށް ސީޒަން ފެށުނީ ޔުވެންޓަސްއަށް،" ޗިއެލީނީ ބުންޏެވެ.

ޔުވެންޓަސްއިން މިސީޒަން ދަށްކޮށް ފަށާފައިވާ އިރު، މިހާރު އޮތީ ރަނގަޅު ފޯމެއްގައެވެ. އެންމެފަހުން އެޓީމު ކުޅުނު ހަތް މެޗުންވެސް ބަލިވެފައި ނުވާ އިރު، ޓީމުން މިހާރު ދައްކަމުން އަންނަނީ ތަފާތު ކުޅުމެކެވެ.