ހާއްސަ މެޗެއް ކުޅުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މާދަމާ ކުޅުދުއްފުށީ ސިޓީއަށް ދިއުމަށް ނިންމައިފިއެވެ.
ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ގައުމީ ޓީމާ ދެކޮޅަށް ނުކުންނާނީ ކުޅުދުއްފުށީގެ ޓީމެކެވެ. އެ މެޗު ބައްލަވައިލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. މިއަދު ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަހުގެ ހާއްސަ ހަރަކާތްތައްވެސް ކުރިއަށްދާ އިރު، މެޗުވެސް ވެގެންދާނީ އެކަމުގެ ހާއްސަ ހަރަކާތަކަށެވެ.
ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ފަހު ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މާދަމާގެ މެޗެވެ. ސާފަށް ނުކުތް ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް މާދަމާގެ މެޗަށް ނުދެވޭނެއެވެ. އެގޮތުން ބަހުރޭންގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ފުރަން ޖެހޭތީ ކުޅުދުއްފުށީ ދަތުރުގައި ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި ގޯލްކީޕަރު އަލީ ނާޖިހު ބައިވެރިއެއް ނުވާނެއެވެ. އޭގެ އިތުރުން އަނިޔާގައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް މާދަމާގެ މެޗުގައި ނުކުޅޭނެއެވެ.
ފުޓްބޯޅައިގެ ފޯރިގަދަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުދުއްފުށީގައި ވަނީ މީގެ ފަސް އަހަރު ކުރިން، 2015 ވަަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެފައެވެ. ކުޅުދުއްފުށީގެ ހާއްސަ ކަމަކަށް ފުޓުބޯޅައިގައި ދާދިފަހުން ފާހަގަކުރެވުނީ "ވައިކިން ކްލެޕްސް"އެވެ. ކުޅުދުއްފުށި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި މަގުބޫލް "ވައިކިން ކްލެޕް"ގެ ފޯރިގަދަވެ، ގައުމީ ޓީމުން 2016 ވަނަ އަހަރު ކުޅުނު ހާއްސަ މެޗަކަށް ވެސް ވަނީ އެ ސަޕޯޓަރުންނަށް ދައުވަތު ދީފައެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި 2016 ވަނަ އަހަރު ނެގި ގައުމީ ޓީމުން ބައްދަލުކުރި މެޗުގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު