ޔޫރަޕުގެ އެންމެ ކުޅަދާނެ އެއް ކޯޗު ޖޯސޭ މޮރީނިއޯގެ ރޯމާ، ނޯވޭގެ ބޯޑީ/ގްލިމްޓް އަތުން 6-1 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ރޯމާއިން ކުޅުނު މެޗުގައި ވި ބައްޔަކީ މޮރީނިއޯގެ ކެރިއަރުގައި އޭނާއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. މޮރީނިއޯ އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ބޮޑެތި ލީގުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި އެ ކްލަބާއެކު ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބު ކުރި އިރު، ޕްރިމިއާ ލީގުގައި މޮރީނިއޯ އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ ޗެލްސީއާއެކުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ތިން ފަހަރަށް ޕްރިމިއާ ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން އިންޓަ މިލާނާއި ޕޯޓޯއާއެކު ޔޫރަޕުގެ ތަށިވެސް ހޯދާފައިވާ މޮރީނިއޯއަކީ އެ ދެކްލަބާއެކު ޓްރެބަލް ހޯދި ކޯޗެއްވެސް މެއެވެ.
ރެއާލް މެޑްރިޑާއެކު ލަލީގާވެސް މޮރީނިއޯ ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ ފަސް ވަރަކަށް އަހަރު އޭނާ ފެނުނީ ދަށްކޮށެވެ. އެ ދަށް ސޮފުހާތަކަށް ރޭގެ ނަތީޖާ އިތުރުވެގެން ދާނެއެވެ. މިހާތަނަށް ކޯޗިން ކެރިއަރުގައި މޮރީނިއޯ އިރުޝާދު ދިން 1008 މެޗުގެ ތެރެއިންވެސް އޭނާ ކޯޗުކަން ކޮށްދިން ޓީމެއްގެ ކޮޅަށް ހަ ގޯލު ޖެހީ ރޭގެ މެޗުގައި އެކަންޏެވެ.
ރޭގެ މެޗާ ހަމައަށް ރޯމާގައި މޮރީނިއޯ ނެރެފައިވާ ނަތީޖާތައް ރަނގަޅު ނަމަވެސް ރޭ ފެނުނީ ފޯމު ދަށް ޓީމެކެވެ. ހާފު ނިމުނުއިރު 2-1 އިން ރޯމާ ފަހަތުގައި އޮތް އިރު، ދެވަނަ ހާފުގައި ބޯޑޯ/ގްލިމްޓުން އިތުރު ހަތަރު ގޯލެއް ޖެހިއެވެ. ރޭގެ މެޗުގައި ބޯޑޯ/ގްލިމްޓުގެ ގޯލުތައް ޖަހައިދިނީ އެރިކް ބޯތެއިމް އާއި ޕެޓްރިކް ބާގްގެ އިތުރުން އޮލާ ސޯލްބަކެންއާއި އަމާލް ޕެލެގްރީނޯއެވެ. އޭގެ ތެރެއިން ބޯތެއިމްއާއި އޮލާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ރޯމާގެ ހަމައެކަނި ގޯލު ޖަހައިދިނީ ކާލެސް ޕެރޭޒްއެވެ.
ރޭގެ މެޗަށްފަހު މޮރީނިއޯ ބުނެފައި ވަނީ މެޗަށް ނެރުނު 11 އަކީ އޭނާގެ ފުރަތަމަ 11 އެއް ކަމަށްވުމުން ބަލިވުމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށެވެ. މޮރީނިއޯ އިތުރަށް ފާހަގަކޮށްފައި ވަނީ އާންމުކޮށް ނެރޭ ފުރަތަމަ 11 އަށް ބަދަލުތަކަކާއެކު މެޗަށް ނެރުނީ ތަމްރީނުތަކުގައި ބުރަސްކޮށް މަސައްކަތް ކުރާ އެހެން ބައެއް ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށާއި، މެޗު ކުޅުނު ހާލަތުގެ ގޮތުން އެއީ ރަނގަޅު ނިންމުމެއް ނޫންކަން މިހާރު އެނގިއްޖެ ކަމަށެވެ.
ކޮންފަރެންސް ލީގުގެ ގްރޫޕް ސީގެ އެއް ވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކު ބޯޑޯ/ގިލްމްޓް އޮތްއިރު، ރޯމާ ދެވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ތިންވަނައިގައި ޒޯރްޔާ ލުހަންސްކް އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކުއެވެ. އެންމެ ފުލުގައި އޮތް ސީއެސްކޭއޭ ސޯފިއާއަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު