އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫއުތައް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. ހިމަންދޫގައި އެމްޓީސީސީން ތަރައްގީ ކުރި ބަނދަރު ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ އެމްޓީސީސީއަކީ ގާބިލު ކުންފުންޏެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލުން ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޓީސީސީގެ ސީއީއޯ އާޒިމް އަޅުގަނޑަށް ޔަގީންކަން ދެއްވާފައިވޭ، ކެޕޭސިޓީ އިތުރުކުރެވިއްޖެ ނަމަ ބިން ހިއްކުމުގެ މަޝްރޫއުތައް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާޒިމް އެދިލެއްވި ގޮތަށް އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމުން ކަމަށާއި އެގޮތުން ސަރުކާރުން ވައުދުވި މަޝްރޫއުތަކުގެ 90 ޕަސަންޓް މަޝްރޫއުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު