ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ "ރިވެލި ތަރި" މުބާރާތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ "ރިވެލި ތަރި" ގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުން ކަމަށެވެ.

އެގޮތުން ނުކުޅަދުންތެރިކަން ހުންނަ މީހުންގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަކީ ވެސް މުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމަކީ ވެސް މުބާރާތް ބޭއްވުމުގެ ބޮޑު މަގުސަދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"ރިވެލި ތަރި"އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފައިއެވެ. ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ބޭނުންވާ ކެޓަގަރީއަކުން ދެ މިނިޓާއި ތިން މިނިޓާ ދެމެދުގެ ވީޑިއޯއެއް ތައްޔާރުކުރުމަށްފަހު ފޮނުވުމަށް ވަނީ އެދިފައެވެ. އަދި އެކަމަށް ކަނޑައަޅާފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރާނެއެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުން މި މައުލޫމާތުތަށް ހިއްސާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.