ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ، ކްލަބާއެކު އިތުރު ހަ އަހަރު ދުވަހަށް އެއްބަސްވުން އާކޮށްފިއެވެ.
ލިއޮނަލް މެސީ ކްލަބު ދޫކޮށްލި ފަހުން ބާސާގެ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ އަންސޫ ފަޓީ، ކްލަބާއެކު އާކުރި އެއްބަސްވުމުގައިވާ ގޮތުން އޭނާގެ ރިލީސް ފީއަކީ އެއް ބިލިއަން ޔޫރޯއެވެ. އެއްބަސްވުމުގައި ހިމެނޭ އެ މާއްދާގެ ސަބަބުން ބާސާގެ އެއްބަސްވުމުގައި އަންސޫ ފަޓީ ހުއްޓައި އެހެން ކްލަބަކުން އޭނާ ގެންދަން ބޭނުންވާނަމަ، ބާސާއަށް އެއް ބިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.
ޔޫރަޕުގެ އެންމެ ވަރުގަދަ ކްލަބު ބާސާއަށް ފައިސާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ކްލަބުގެ ދަރަނި އިންތިހާއަށް މައްޗަށް އަރައިގެން ގޮސްފައިވާ އިރު، ކްލަބުގެ އާ ރައީސްގެ އެޖެންޑާގައި އެންމެ އިސްކަމަކަށް ކުރަމުން އަންނަ މަސައްކަތަކީ ޒުވާން ތަރިން ކްލަބުގައި މަޑުކުރުވުމެވެ. ބޮޑެތި ޓްރާންސްފާތަކަކަށް މިސްރާބު ޖެހުމުގެ ބަދަލުގައި ކްލަބުގައި އާ ޖީލެއް ބިނާކުރުމަށް ޖޮއާން ލަޕޯޓާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ކުޅުންތެރިޔަކު ވަނީ އާ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އަންސޫ ފަޓީއެވެ. އަނެއް ކުޅުންތެރިޔަކީ މިދިޔަ ހަފުތާ ތެރޭގައި އެއްބަސްވުން އާކުރި ޕެޑްރީ ގޮންޒާލޭސްއެވެ. އުމުރުން 18 ޕެޑްރީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރީ 2026 ވަނަ އަހަރު ޖޫންގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓުގައި ހިމަނާފައިވާ ރިލީސް ފީއަކީވެސް އެއް ބިލިއަން ޔޫރޯއެވެ.
އުމުރުން 18 އަހަރުގެ އަންސޫ ފަޓީ 16 އަހަރާއި 298 ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާސާ ޖާޒީގައި ލަލީގާ މެޗެއް ކުޅެފައިވާ އިރު، އޭނާ ވަނީ މިހާތަނަށް ކްލަބަށް 47 މެޗު ކުޅެދީ 15 ގޯލު ޖަހައިދީފައެވެ. އަދި އަންސޫ ފަޓީއަކީ ބާސާ ޖާޒީގައި ކުޅެ، ލަލީގާގައި ގޯލެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ