ޚަބަރު

ފިޔަކޮށާލައި ވިއްކަން އުޅުނު ގުޑުގުޑާ ދޫންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް، އެ ދޫންޏަށް ރިހިބިލިޓޭޝަން ދެނީ

މުހައްމަދު އިޝާން

ހއ.ބާރަށު މީހަކު ހިފި ފްލެމިންގޯ، ގުޑުގުޑާ ދޫންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.

އީޕީއޭއިން މިއަދު ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފްލެމިންގޯގެ ހުރީ ފިޔަކޮށާފައި ކަމަށް ވުމުން އެދޫނީގެ ހާލަތު ބެލުމަށް ވެޓެރިނޭރިއަނެއް، ޖަނަވާރުންގެ ޑޮކްޓަރަކު ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޓޯލް ވޮލެންޓިއާސްގެ ވެޓެރިނޭރިއަނެއް ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އީޕީއޭއިން ބުނީ، ދޫނީގެ ފިޔަކޮށާލާފައި އިނުމުން ދޫކޮށްލި ނަމަވެސް އުދުހިގެން ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ބެލުމުގެ ދަށުގައި އެ ދޫނި ބައިންދައިގެން ރިހެބިލިޓޭޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ. ދޫނީގެ ރިހެބިލިޓޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ޅ.އަތޮޅު މާކޯގައި އެވެ.

ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫނިތައް ދާ ޖަހައިގެން ހިފައި އެ ވިއްކަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭއިން ވަނީ މިދިޔަ އަންގާރަ ދުވަހު ބުނެފަ އެވެ. އެގޮތަށް އީޕީއޭ އިން ބުނީ، ދޫނި ވިއްކާ ވައިބަރު ގުރޫޕެއްގައި ފްލެމިންގޯތަކެއް ވިއްކަން ޖަހާފައިވާ މައްސަލައެއް ފެންމަތިވުމުންނެވެ. ފްލެމިންގޯއެއްގެ އަގަކީ 30،000 ރުފިޔާ ކަމަށް ވެސް އެ ގްރޫޕުގައި ވަނީ ޖަހައިފަ އެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތޮބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފި ނަމަ 30،000 ރުފިޔާ އާއި 50،000ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރާނެ އެވެ. އެ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ވައްތަރެއްގެ ދޫނި ވަނީ ހިމާޔަތްކޮށްފަ އެވެ.

ހއ.ބާރަށުން ފްލެމިންގޯއެއް ހިފައި އޭގެ ފިޔަކޮށި މައްސަލަ އީޕީއޭ އާއި ފުލުހުން ގުޅިގެން މިހާރު ދަނީ ބަލަމުންނެވެ.