ޚަބަރު

ޕީޖީ ނުރުހިއްޖެ، ވިދާޅުވީ ޖާމިނު ކުރެވޭގޮތް އެންމެ ފަނޑިޔާރަކަށް ނޭނގުމުން އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް

މުހައްމަދު އިޝާން

މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި 42 ދައުވާއެއް އުފުލާފައިވާ ސީލައިން ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އޭނާގެ ކޮއްކޮ އާއި ދައްތަ ޖާމިނުކޮށް ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

ގާޒީ ހަސަން ސައީދަށް ބަހުގެ ހަމަލާތަކެއް ދެއްވައި ޝަމީމު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، "ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް" ޖާމިނުކުރެވޭނެ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާއިރު ޖާމިނު ކުރާނެ ވަކި ގޮތްތަކެއް ގާނޫނުގައި އޮއްވައި އެ ނޫން ގޮތް ގޮތަށް ދަށު ކޯޓުން މައްސަލަ ނިންމާފައި އޮތުމުން ހައިކޯޓަށް ދާން ޖެހޭނެ ކަމަށެވެ.

"ގާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އޭނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، އަޅުގަނޑުމެން ޖެހޭނީ ހައިކޯޓަށް ދާށެވެ. ދަށުކޯޓުގައި ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނު ކުރެވޭ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށް ވެއްޖެ އެވެ" ޝަމީމު ވިދާޅުވި އެވެ.

ޝަމީމު މިއަދު "ވަން"އަށް މިއަދު ވިދާޅުވީ އައްމަޓީ ދޫކޮށްލި މައްސަލަ މިއަދުގެ ވަގުތެއްގައި ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އިއްޔެގެ ޝަރީއަތުގައި ޖާމިނު ވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ ދައުލަތުން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވެފައި ނެތުމުން، ހައި ކޯޓުގައި އެކަން ފާހަގަކުރާނެ ކަމަށް ވެސް ޝަމީމު ވިދާޅުވި އެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަ ދެއްވީ ވެސް ގާޒީ ހަސަން ސައީދެވެ.

އައްމަޓީގެ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ގާޒީ ހަސަން ސައީދު ނިންމެވީ ޝަރުތުތަކަކާއެކު އެވެ. އެގޮތުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމާއި، ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ފުލުހަށް ހާޒިރު ވެ ސޮއިކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.