ޚަބަރު

އެމްޓީސީސީން ގުރައިދޫ ބިންހިއްކައި ނިންމާލައިފި، ރަށުގެ ބިމުގެ ޖުމުލަ ސައިޒު ދެގުނައާ ގާތަށް

ރިފާ ހަލީލު

ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލައިފި އެވެ.

އެމްޓީސީސީ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަަ ދުވަހު އެވެ. އެއީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 1200 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ.

ގުރައިދޫ ކައުންސިލް ރައީސް މުހައްމަދު ޔާމީން އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވީ އެރަށު ބިމުގެ މިހާރުގެ ބޮޑު މިނަކީ 21 ހެކްޓަރު ކަމަށާއި ނަމަވެސް އިތުރު 15 ހެކްޓަރުގެ ބިން ހިއްކައިދިނުމުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ އެރަށުން ގޯތި ދޫނުކާރާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެހެން ކަމުން އިޖުތިމާއީ މައްސަލަތައް ވަރަށް ބޮޑަށް ދިމާވަމުން އަންނަ ކަމަށެވެ. ނަމަވެސް މި މަޝްރޫއު ނިންމާލުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލްގެ ވިސްނުން ހުރީ ހައުސިން ޔުނިޓުތަކެއް އިމާރާތް ކޮށްގެން ދޫކުރަން. އެކަމަކު ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމާނަން. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ގޯތި ނުލިބި ދަރިން ގޮވައިގެން ކުޑަ ކުޑަ ކޮޓަރިއެއްގަ އެތަކެއް ރައްޔިތުންނެއް އުޅެން ޖެހިފަ ވުމުން އާއިލީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެފަ މިހުރީ. އިރާދަ ކުރެއްވިއްޔާ މި ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މި ބަލަނީ." އޭނާ ވިދާޅުވި އެވެ.