ވެލާނާ އިންޓަނޭޝަނަލް އަދި މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރުން ކަޅު ހެދުމުގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކޮށްފި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުން ކަޅު ހެދުމުގައި ނިކުތީ ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ނުލިބޭތީ އެކަން ސަރުކާރުގެ ސަމާލުކަމަށް އެތަށް ފަހަރަކު ގެނައި ނަމަވެސް ހައްލެއް ނުލިބުމުން އެކަން އަނެއްކާޥެސް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހު އެއާ ޓްރެފިކް ސާވިސަސް ޑިޕާޓުމަންޓު ހިންގަމުންދާ ގޮތާމެދު ހުރި ކަންބޮޑުވުމް ފާޅޫކޮށް އެކަމަށް ހައްލެއް ހޯދުމަށް އެ ތަނުގައި މަސައްކަތް ކުރާ 50 މުވައްޒަފުންގެ ސޮޔާއެކު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑަށް ވަނީ ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން ސަރުކާރުގެ އެކި ވުޒާރާތަކާ ބައްދަލުކޮށްފައިވާ ކަމަށާއި މިދިޔަ ތިން އަހަރު ތެރޭގައި ވެސް ރައީސް އޮފީހާއި ޓްރާންސްްޕޯޓް މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއޭސީއެލް އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.

މުސާރައާއި އިނާޔަތް ތަކާއި މަގާމުގެ ކުރިއެރުން ދޭ ގޮތާމެދު ހުރި ކަންބޮޑުވުންތައްވެސް މި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންވެސް ވަނީ ދާދިފަހުން އެ މީހުންގެ މުސާރައާޢި އިނާޔަތްތަކާމެދު ހިތްހަމަ ނުޖެހިގެން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުކޮށް ބައެއް އިދާރާތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލި އެވެ.