ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

ބީއެމްއެލް އިން ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން އެ ބޭންކުގެ 61 މުވައްޒަފަކަށް ވަނީ އެވޯޑު ލިބިފަ އެވެ. އޭގެ ތެރޭގައި އެ ބޭންކަށް 35 އަހަރު ހިދުމަތްކޮށްދީފައިވާ އެ ބޭންކުގެ ކަސްޓަމާ ސާވިސް މެނޭޖަރު، ޒުލްފާ މުހައްމަދާއި، 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ އެ ބޭންކުގެ ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން ޝަމްސިއްޔާ އިބްރާހިމް އަށް ވަނީ މި ހަފުލާގައި ހާއްސަ އެވޯޑެއް ދީފައެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެވޯޑު ހާސިލު ކުރި މުވައްޒަފުންނާއި އެ ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުން އެހާމެ ހީވާގިކަމާއެކު ކޮށްދެއްވާ އަދި ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވަނީ ފަހުރުވެރިކަމާއެކު ކަމަށެވެ.

"ކޮންމެ ދުވަހަކު ތިޔަ މުވައްޒަފުން ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން. މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަ މުވައްޒަފުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހީންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލް އިން އަންނަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު، މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވައިލަމުންނެވެ. އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކެއް ގެންނަމުންދާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.