ޚަބަރު

ފްލައިން ސްކޫލުގެ އޮޑިޓުން ފާހަގަވީ ސިވިލް އޭވިއޭޝަންގެ ބޮޑެތި އިހުމާލުތަކެއް!

އައްޑޫ ސިޓީގެ ގަމުގައި ހިންގަމުން ގެންދިޔަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ)ގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޮޑެތި އިހުމާލުތަކެއް ފާހަގަކޮށް، ގިނަ ކަންތައްތަކެއް އިސްލާހުކުރަން އެދެފިއެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު އޮޑިޓު ރިޕޯޓުގައިވާ ގޮތުން ސިވިލް އޭވިއޭޝަނުން 2020 ވަނަ އަހަރު ފްލައިން ސްކޫލްގައި ބޭނުންކުރި ތިން މަތިންދާ ބޯޓެއްގެ އެއާވާދިނަސް ރިވިއުގައި ފާހަގަކުރެވުނު ކަންކަން އިސްލާހު ކުރުމަށް ދީފައިވާ މުއްދަތުގައި އެ ކަންކަން އޭއޭއޭ އިން އިސްލާހުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އިސްލާހު ކުރަން ދިން މުއްދަތު ހަމަވެ، ފިޔަވަޅު އެޅުމަށް ސިވިލް އޭވިއޭޝަނަށް އިތުރު 43 ދުވަސް އަދި 44 ދުވަސް ނެގި ކަމަށެވެ.

މެއިންޓެނެންސާ ގުޅުންހުރި ކަންކަމުގައި 2018 ވަނަ އަހަރުގެ އޮޑިޓުގައި ފާހަގަކުރެވުނު ކަންކަން އިސްލާހު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ޕްލޭން ސިވިލް އޭވިއޭޝަންގެ އެސްއޯޕީގައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ޕްލޭނަކީ އެކި ފަހަރުމަތިން ރިވިއު ކުރެވޭ ޕްލޭނަކަށް ވެފައި ހުށަހެޅުން ލަސްވާތީ ކަންކަން އިސްލާހު ކުރުމަށް އިތުރު މުއްދަތު ނަގައި ސިވިލް އޭވިއޭޝަނުން، އޭއޭއޭ އަށް އިތުރު އިރުޝާދު ދިނުމަށް ހުރަސްއެޅުނު ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި ވަނީ ސިވިލް އޭވިއޭޝަނުން، އޭއޭއޭ އިން ބޭނުންކުރާ މަތިންދާބޯޓު ފްލީޓްގެ ކެޕޭސިޓީ ހަރުދަނާ އުސޫލަކުން ބަލަމުން ގޮސްފައިނުވާ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޭޓީއޯ އޮޑިޓްގައި އޭއޭއޭގައި އެކަށީގެންވާ އަދަދަކަށް މަތިންދާ ބޯޓު އޮތް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެ ނިންމުން ނިންމުމުގައި ބަލާފައިވާ ކަންކަން އޮޑިޓް ފައިލްގައިވާ ލިޔެކިޔުމުގައި އެނގެން ނެތް ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު އެހެން އަހަރުތަކަށް ވުރެ ނިސްބަތުން ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލާ ގުޅިފައިވީ ނަމަވެސް އެ އަހަރުގެ އޮޑިޓުގައި އެ ދަރިވަރުންނަށް އެކަށީގެންވާ މަތިންދާ ބޯޓު ފްލީޓެއް އޮތްކަން ސިވިލް އޭވިއޭޝަނުން ޔަގީންކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

"2018 ވަނަ އަހަރުު ކޮމާޝަލް ޕައިލެޓް ލައިސެންސް ޓެސްޓް ހެދުމަށް އެންމެ މަތިންދާ ބޯޓެއް ބޭނުންކުރަމުން ގޮސްފައިވާއިރު، އެ މަތިންދާ ބޯޓުު މެއިންޓެނެންސަށް ގްރައުންޑް ކުރަން ޖެހިއްޖެނަމަ މަތިންދާ ބޯޓުު ފްލީޓްގެ ކެޕޭސިޓީ އަށް ކުރާނެ އަސަރަށް އޮޑިޓްގައި ރިއާޔަތް ކުރެވިފައި ނެތުން" ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ އޭވިއޭޝަން ގަވާއިދުތަކާ ހިލާފަށް، އޭއޭއޭ އިން ދަރިވަރުންގެ ރިކޯޑުތައް ބަލަހައްޓާފައިވާއިރު އެ މައްސަލައަށް ސިވިލް އޭވިއޭޝަނުން ހައްލެއް ހޯދާފައި ނުވާ ކަމަށެވެ. ދަރިވަރުން އެކްޓިވް އަދި އިންއެކްޓިވް ކަމަށް އޭއޭއޭ އިން ކަނޑައަޅަމުން ގޮސްފައިވާ ކަން ސިވިލް އޭވިއޭޝަނަށް 2016 ވަނަ އަހަރު ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެގޮތަށް ކަނޑައެޅުމަށް ވަކި އުސޫލެއް ގެންގުޅެފައި ނުވާކަން އޮކްޓޫބަރު 24، 2019 ގައި ކުރެވުނު ތަހުގީގަކުން އޮތޯރިޓީއަށް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް އެކަމަށް ވަކި އުސޫލެއް ކަނޑައެޅުމަށް އޭއޭއޭއާ އެކު ސިވިލް އޭވިއޭޝަނުން ފުރަތަމަ ވެސް މަޝްވަރާކޮށްފައިވަނީ ފެބްރުއަރީ 9، 2020 ގައި ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ފްލައިޓް އިންސްޓްރަކްޓަރަކަށް ނިސްބަތުން ޖެހޭ ދަރިވަރުންގެ އަދަދުގެ މައްސަލަ އިސްލާހު ކުރުމަށް 2016 ވަނަ އަހަރުގެ އޭޓީއޯ އޮޑިޓުގައި ލަފާދީފައިވާ ގޮތަށް އޭއޭއޭއިން އަމަލުކޮށްފައި ނުވާ ކަމަށާއި އަދި ހަރުދަނާ އުސޫލަކުން އޮތޯރިޓީން ވެސް އެކަން މޮނިޓާކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮޑިޓްގައި ލަފާ ދީފައިވާ ގޮތަށް ތިން މަހުން އެއް މަހު ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރޭޝިއޯ އޮތޯރިޓީއާ ހިއްސާކޮށްފައި ނުވާ ކަމަށާއި ތަމްރީން މެދުކެނޑިއްޖެނަމަ އެކަމާ ގުޅޭ "ތަމްރީން ކުރިއަށްދާ ގޮތުގެ ރިޕޯޓެއް" ހުށަހަޅަމުން ގެންގޮސްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ސިވިލް އޭވިއޭޝަނުން މައްސަލަ ހައްލުކުރުމަށްޓަކައި އަހަރަކު އެއް ފަހަރު ހިސާބުތައް ބަލައި އިސްލާހުކުރަން ފުރުސަތުދީ، އިސްލާހު ކުރާނެ ގޮތުގެ ޕްލޭން ރިވިއުކުރަމުން ދިޔަ ނަމަވެސް އެގޮތަށް އަމަލުކޮށްގެން މައްސަލަތައް ހައްލުކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ ސިވިލް އޭވިއޭޝަނުން ކަނޑައަޅާ އޭވިއޭޝަން ގަވާއިދުތަކާ ހިލާފުވުމުން ފިޔަވަޅު އެޅުމަށް، ފަހުގެ އުސޫލެއް އެކުލަވާ ނުލެވި ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ އޭވިއޭޝަން ގާނޫނުތަކުން، އޭވިއޭޝަން ގަވައިދުތަކާ ހިލާފުވުމުން އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ފުރުސަތު ނެތް ކަން އޭވިއޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތާ ގުޅޭގޮތުން އޮތޯރިޓީން ތައްޔާރުކޮށްފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

އޭވިއޭޝަން ގަވާއިދުތަކާ ހިލާފުވުމުން ޖޫރިމަނާ ކުރުމަށް ސާފު އުސޫލެއް ކަނޑަނާޅައި ދިގު މުއްދަތެއް ސިވިލް އޭވިއޭޝަނުން ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން 2001 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އަމަލުކުރަމުން ގޮސްފައިވާ މެނުއަލްގައި ބަޔާންކުރާ ގަވައިދާ ހިލާފު އަމަލުތަަކަކީ 2018 އިން 2020 ވަނަ އަހަރާ ދެމެދު އަމަލުކޮށްފައިވާ އޭވިއޭޝަން ގަވާއިދުތަކުގެ މާއްދާތަކާ ސީދާ ގުޅުމެއް ނެތް މެނުއަލެއް ކަމަށެވެ.

އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުންނާއި ސެޕްޓެމްބަރު 30، 2020 އިން ފެށިގެން އަމަލުކުރަމުން އައިސްފައިވާ "އެމްސީއާރް 19 ޓްރާންޒިޝަން ރޫލް" އިން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ ފަސްލައްކަ ރުފިޔާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ އަދަދަކީ އޭއޭއޭ އިން ކޮމާޝަލް ޕައިލެޓް ލައިސެންސް ތަމްރީނަށް ދަރިވަރެއްގެ އަތުން ނަގާ ކޯސް ފީ އަށްވުރެ ނިސްބަތުން ކުޑަ އަދަދެއް ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި އިތުރަށް ވަނީ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތައް ހިންގުމުގައި ދިމާވާ މައްސަލަތަކުން ދަރިވަރުންނަށް ކޮށްފާނެ އަސަރުތަކުން ދަރިވަރުންގެ ހައްގުތަކާއި ކިޔެވުން ކުރިއަށް ގެންދިއުމަށް ކަށަވަރުކޮށްދީ ރައްކާތެރިކަން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ވެސް ގާއިމުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ކަމާ ގުޅޭ މަސައްކަތްތައް ހަޔާ އެޑިޔުކޭޝަނުން ކުރަމުން ގޮސްފައިވާ ކަމަށާއި އޭއޭޭއޭގައި ކިޔަވާ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތައް މިނިސްޓްރީން ބަލަމުން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ނަމަވެސް ހަމައެކަނި ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމުން މައްސަލަތައް ބަލައި، ޕްރޯއެކްޓިވްކޮށް މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުގެ ދަރިވަރުންނާ ގުޅޭ ކަންކަން މޮނިޓާ ނުކުރާނަމަ ދަރިވަރުންގެ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެންމެ މުހިއްމު ވަގުތުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީ އަށް ދަތިވެފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

އިސްލާހުކުރަން އަންގާފައިވާ މުހިންމު ކަންކަން:

އެއާވޯދިނެސް ރިވިއުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާނެ ގޮތުގެ ޕްލޭން މުއްދަތަށް ހުށަނާޅާ ނަމަ، އުސޫލެއް ކަނޑައަޅައި، އުސޫލުގެ ދަށުން އޮޕަރޭޓަރުންނަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ. އަދި އޭވިއޭޝަން ގަވާއިދަށް ތަކުރާރުކޮށް ހިލާފުވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކުގެ ކަންކަން އިތުރަށް ބަލައި، އެކަށީގެންވާ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ހާއްސަ ވަކި ސްޓްރެޓެޖީއެއް އެކުލަވާލުމަށްވެސް އޮޑިޓްގައި ލަފާދީފައިވެއެވެ.

އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަންތަކުގައި އެކަށީގެންވާ ވަރަށް މަތިންދާބޯޓު ހުރިތޯ ބަލާނެ ތަފުސީލު އޮޑިޓް ޕްރޮސީޖާއެއް ކަނޑައަޅައި، ކޮންމެ އަހަރަކު ވެސް އެއް އުސޫލަކުން އެކަން ބަލައި ލިޔެކިޔުން ބެލެހެއްޓުމަށްވެސް އެދިފައިވެއެވެ. އަދި އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަނަށް އަލަށް ގުޅޭ ދަރިވަރުންގެ އަދަދާއި އެ ދަރިވަރުން ހަދާ ކޯސްތަކަށް ބޭނުންވާ މަތިންދާބޯޓު އޮގަނައިޒޭޝަންގައި ހުރިވަރަށް ރިއާޔަތްކުރެވޭނެ ގޮތަކަށް އޮޑިޓް ޕްރޮސީޖާ ކަނޑައެޅުމަށްވެސް އޮޑީޓްގައި ލަފާދީފައިވެއެވެ.

މީގެ އިތުރުން ދަރިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ޕްރޯއެކްޓިވްކޮށް މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށާއި ކޯހުގެ ވަކި ހިސާބަކުން ކިޔެވުން ކުރިއަށް ނުގެންދެވޭނެ ދަރިވަރުންނަށް ރީފަންޑް ދޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ދަރިވަރުންނާ ގުޅޭ ކަންކަމާ މެދު މަޝްވަރާކުރުމަށް މަދުވެގެން އަހަރަކު ދެ ފަހަރު އެ ރެގިއުލޭޓަރީ ބޮޑީތަކާ ބައްދަލުކުރުމަށް ހަޔާ އެޑިއުކޭޝަނަށް އޮޑިޓްގައި ލަފާދީފައިވެއެވެ.