ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދިރިއުޅުއްވާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ގ. ފީރޯޒްލޮގްގެ ތިން ވަނަ ފަންގިފިލާގައެވެ. އެއީ ރޮޒައިނާގެ އާއިލީ ވިޔަފާރި ކަމަށްވާ ޑޮނާޑް އިންވެސްޓްމަންޓުގެ ފޮތި ގުދަނެއް ހުންނަ ފަންގިފިލާއެވެ.

އެގޭގެ އެހެން ފަންގިފިލާއެއްގައި ރޮޒޭނާ އާއި އެކަމަނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާސިޒްވެސް ދިރިއުޅުއްވައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔާ ބުނީ، އަލިފާނުގެ ހާދިސާ ހިނގުމުން ވަގުތުން އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި ރޯވި އަލިފާންގަނޑު 17:09 ހާއިރު ނިއްވާލައިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ދުމުގެ އަސަރު ކޮންމެވެސް ވަރަކަށް ފެންނަ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ޝޯޓުވުމުގެ ސަބަބުންނެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ފީރޯޒްލޮގްގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.