ސައުދީ އަރަބިއްޔާގެ ސްޓޭޓް ސޮވެރިން ފަންޑުން ނިއުކާސަލް ޔުނައިޓެޑް ގަތްތާ 13 ދުވަސް ވީއިރަށް ކްލަބުގެ ކޯޗުކަމުގައި ހުރި ސްޓީވް ބްރޫސް މަގާމުން ވަކިކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ސްޓޭޓް ސޮވެރިން ފަންޑު، ޕަބްލިކް އިންވެސްޓްމަންޓު ފަންޑުން ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ ގަނެފައިވާ އިރު، އިންވެސްޓު ކުރުމަށް ފަންޑުގައި 320 ބިލިއަން ޕައުންޑުގެ އަދަދެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ފައިސާއާއެކު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އާ ބޯޑުން މަސައްކަތްތަކެއް ކުރާނެކަން ޔަގީނެވެ. މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ބްރޫސް ކްލަބުން ވަކިކޮށްފައި ވަނީ ދެ ފަރާތުންވެސް އެއްބަސްވެގެން ކަމަށެވެ.
ނިއުކާސަލް އިން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ނިއުކާސަލް ސަޕޯޓަރުންގެ ފަރާތުން އާ ވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، އާ ބޯޑުގެ އިސް ފަރާތްތައް މެޗު ބެލުމަށް ދަނޑުގައި ތިބިކަން ފާހަގަވެފައިވެއެވެ. ހާއްސަކޮށް މިހާރު ކްލަބުގެ ޗެއާމަން، އަދި ސައުދީ ޕަބްލިކް ފަންޑުގެ ގަވަރުނަރު ޔާސިރް އަލް ރުމައްޔާންވެސް މެޗަށް ވަޑައިގެންފައިވެއެވެ. އޭގެ އިތުރުން ޑީލުގައި ހިމެނޭ އަނެއް ހިއްސާދާރުން ކަމަށްވާ އަމަންޑާ ސްޓަވީލީވެސް މެޗަށް ގޮސްފައިވެއެވެ.
ނިއުކާސަލްގެ ކޯޗުކަމުން ބްރޫސް ވަކިކޮށްފައިވާ އިރު، ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވާނީ ގްރައީމް ޖޯންސްއެވެ. އެއީ ބްރޫސްގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ކޯޗެކެވެ.
ނިއުކާސަލްއިން ރަސްމީކޮށް ބުނެފައި ވަނީ ކްލަބުން އާ ކޯޗަކަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކްލަބަށް އާ ކޯޗަކު ގެންނާނެ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު