ޚަބަރު

ގެސްޓުހައުސް ވިޔަފާރި ފުޅާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު: ރައީސް

މި ސަރުކަރުގެ އެންމެ އިސް އެއް އަމާޒަކީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ގެސްޓްހައުސް ވިޔަފާރި އާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާ ގޮތެއްގައި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ މަގަކީ ގެސްޓްހައުސް ވިޔަފާރި ކަމަށެވެ. އެހެންކަމުން އެ ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ދަނޑުވެރިން ވަނީ އެމީހުން އެ މަސައްކަތް ކުރުމަށް ރާއްޖެއަށް އެތެރެކުރާ ގަސްކާނާ ފަދަ ދަނޑުވެރިކަމުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެދިފައެވެ. އަދި ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރިއެވެ.

ރައީސް ސޯލިހު މިއަދު ވަނީ ތޮއްޑޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އެސްޓީއޯއިން އަތޮޅު ތެރޭގައި ހެދި ފުރަތަމަ އެގްރިސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ. އަދި އެއަށްފަހު ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.