ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ލައިފް ސަޕޯޓު މެޑިކަލް ސެންޓަރުގެ ނަމުގައި ކުލިނިކެއް ގާއިމު ކުރުމަށް އަމިއްލަ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގައި ހިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ކުލިނިކެއް ގާއިމު ކުރުމަށް ޕައިތަން ޕްރައިވެޓް ލިމިޓެޑާއެކު އެގްރިމެންޓެއްގައި އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ.
އެގޮތުން ލައިފް ސަޕޯޓު މެޑިކަލް ސެންޓަރުގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކުލިނިކު ގާއިމު ކުރުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ދިނުމަށް ހަމަޖެހިފާއިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުންވެސް އެ ސަރަހައްދުގައި އިތުރު ދެ ކުލިނިކެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ހިޔާ ފުލެޓުތަކުގެ ކޮމާޝަނަލް ޔުނިޓުތަކުގައި ކެފޭ ރެސްޓޯރަންޓާއި ފިހާރަތަކާއި ކުލިނިކުތައް ގާއިމު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ހުޅުވާލި އެވެ. މިހާރު އެ ސަރަހައްދުގައި އެއް ފިހާރަ ވަނީ ހުޅުވާފަ އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައި ކުލި ނަގަން ފެށުމުގެ ކުރިން އެ ތަނުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް، ސުޕަމާޓް ގްރޮސެރީ ސްޓޯރް ފަދަ ތަންތަން ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވިގެންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު