ބަލި މީހެއްގެ ހަށިގަނޑުގައި އުފެދިފައި ހުރި ހިލަ ނަގަން ކުރި އޮޕަރޭޝަނެއްގައި ކިޑުނީ ނެގުމުން މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ގުޖަރާތުގައި ހިނގި މި ހާދިސާގައި ބަލި މީހާ މަރުވެފައިވާއިރު، ޑޮކުޓަރުގެ އިހުމާލު މިކަމުގައި އޮތުމުން ހޮސްޕިޓަލު ވަނީ ބޮޑު ޖޫރިމަނާއެއް ކޮށްފައެވެ. ބަލަސިނޯރު ކޭއެމްޖީ ހޮސްޕިޓަލުގައި މި އޮޕަރޭޝަން 2011 ވަނަ އަހަރު ކޮށްފައިވާއިރު ބަލިމީހާ މަރުވެފައިވަނީ އޭގެ ހަތަރު މަސް ފަހުންނެވެ.
ގުޖަރާތުގެ ސްޓޭޓު ކޮންސިއުމާ ޑިސްޕިއުޓް ރިޑްރެސަލް ކޮމިޝަނުން މި މައްސަލަ ބަލައި ހޮސްޕިޓަލުގެ އިހުމާލުން މަރުވި ބަލިމީހާގެ އާއިލާއަށް 11.23 ލައްކަ އިންޑިއާ ރުޕީސް ދެއްކުމަށް ވަނީ އަންގާފައެވެ.
މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުން ކޭދާ ޑިސްޓްރިކްޓުގެ ވަންގުރޯލީ އަވަށުގައި ދިރިއުޅެމުންދިޔަ ދަވެންދުރަބާއި ރަވަލް ޑޮކުޓަރަށް ދައްކަން ދިޔައީ ބުރަކަށީގައި ގަދައަށް ރިއްސައި ކުޑަކަމުދިޔުމަށް ދަތިތަކާ ކުރިމަތިވާތީއެވެ. ބަލަސިނޯރު ޓައުނުގައި ހުރި ކޭއެމްޖީ ޖެނެރަލް ހޮސްޕިޓަލަށް އޭނާ ގޮސް ޑރ. ޝިވައިބައި ޕަޓޭލަށް ދައްކައި ފަރުވާ ހޯދަން ފެށިއެވެ. 2011 ވަނަ އަހަރުގެ މެއި ގައި ދަވެންދުރައަށް އަންގާފައިވަނީ 14މމ ހިލަ ވައަތު ކިޑުނީގައި ހުރިކަމަށާއި ހިލަތައް ނަގަން ޖެހޭ ކަމަށެވެ. ނަމަވެސް ވަސީލަތްތައް ރަނގަޅު އެހެން ހޮސްޕިޓަލަކަށް ދައްކައިގެން އެ އޮޕަރޭޝަން ކުރުމަށް އެދިފައިވެ އެވެ.
ދަވެންދުރަ ބޭނުންވީ އޭނާ ދައްކަމުން ދިޔަ ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރަން ކަމުން އެ އަހަރުގެ ސެޕްޓެމްބަރު 3 ވަނަ ދުވަހު ކޭއެމްޖީ ހޮސްޕިޓަލުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައެވެ. އޮޕަރޭޝަނަށްފަހު ކިޑުނީގައި ހުރި ހިލަކޮޅުތައް ނެގުމުގެ ބަދަލުގައި ކިޑުނީ އެއްކޮށް ނަގާފައިވާ ކަމަށާއި އަދި އެއީ ބަލިމީހާ އަށް އެންމެ ރަނގަޅު ވާނެ ގޮތްކަމަށް ބުނެ ޑަކުޓަރު ވަނީ އާއިލާއަށް މައުލޫމާތު ދީފައެވެ.
އޮޕަރޭޝަނަށްފަހު ބަލިމީހާއަށް ކުޑަކަމުދިޔުމުގައި އިތުރަށް އުނދަގޫތަކާ ކުރިމަތިވާން ފެށުމުން ނަދިއާދުގައި ހުންނަ ކިޑުނީ ހޮސްޕިޓަލަށް ބަލިމީހާ ބަދަލުކުރުމަށް އާއިލާއަށް އެ ހޮސްޕިޓަލުން ނަސޭހަތްތެރިވިއެވެ. ހާލަތު އިތުރަށް ގޯސްވާން ފެށުމުން އަހުމަދުއާބާދުގައި ހުރި އައިކޭޑީއާރުސީ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވީ ނަމަވެސް އޭނާ ވަނީ 2012 ވަނަ އަހަރުގެ ޖެނުރައީ 8 ވަނަ ދުވަހު މަރުވެފައެވެ.
މިމައްސަލައިގައި ދަވެންދުރަގެ އަންހެނުން މިނަބެން ވަނީ ގުޖަރާތުގެ ސްޓޭޓު ކޮންސިއުމާ ޑިސްޕިއުޓް ރިޑްރެސަލް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ.