މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗުން ގެއްލުނު ކުއްޖާ ހޯދުމަށް ކަނޑާއި ވައިގެ މަގުން 4،707 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ކުއްޖާ ހޯދުމަށް 4،707 މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށާއި އަދިވެސް ކުއްޖާ ފެނިފައި ނުވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލެއިން ފުރައިގެން ދަނިކޮށް، ލޯންޗަށް ދިޔަވެ އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އެދުވަހު 17:00 ހާއިރުއެވެ. އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން ވަނީ ސަލާމަތްކޮށްފައެވެ.
ފެނުނު މީހުންގެ ތެރެއިން އެކަކީ މިހާރު ހޯދަމުންދާ ހަތަރު އަހަރުގެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާއެވެ. ނާހިދާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒަށް ނާހިދާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ފިރިމީހާ "ވަން" އަށް ބުނެފައިވެއެވެ.
ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެކެވެ. އެމްއެންޑީއެފުން ވަނީ ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށްވެސް އެދިފައެވެ. އެގޮތުން ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރުކުރާ އުޅަނދު ފަހަރުތަކާއި އެ ހިސާބުގެ ރަށްތަކުން ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށް ދިނުމަށް ވަނީ އެދިފައެވެ.
ގެއްލުނު ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު